މިއަދު ވެސް ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 3000 ސާމްޕަލެއް ޓެސްޓް ކޮށްފައި ވާއިރު، މިއަދު 164 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 67 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 24 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 68 މީހަކާއި އިންޑަސްޓްރިއަލް ޕޮޒިޓިވްވި 2 މީހެކެވެ.
މިއަދުގެ ކޮވިޑް އަޕްޑޭޓް
- މިއަދު ޕޮޒިޓިވްވި އަދަދު: 164
- ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 90
- ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 27،084
- ކޮވިޑް އެކްޓިވް ކޭސް: 2939
- ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 24،065
- ކޮވިޑް މަރުގެ ޖުމްލަ އަދަދު: 71
އެޗްޕީއޭއިން ރެންޑަމް ސާމްޕަލް ނެގުން މިހާރު ވެސް މާލޭ އާއި އަތޮޅުތަކުގައި ކުރިއަށް ގެންދެއެވެ. އަދި ކޮވިޑް ކޭސްތަކެއް ފެނިގެން މިހާރު އަތޮޅު ތެރޭގެ 18 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އޭގެތެރޭގައި ތ. އަތޮޅުން 7 ރަށް ވަނީ މޮނިޓަރިން އަށް ލާފައެވެ. އެއީ ތިމަރަފުށީގެ އިތުރުން، ގާދިއްފުށި، މަޑިފުށި، އޮމަދޫ، ކިނިބިދޫ، ވޭމަންޑޫ، އަދި ވިލިފުއްޓެވެ.
މީގެ އިތުރުން މޮނިޓަރިންގައި ހުރި ރަށްރަށަކީ ކ. އަތޮޅުން ހުރާ އާއި ހިންމަފުށި، މާފުށި، ގުޅި، ދިއްފުށު، ޅ. އަތޮޅުން ނައިފަރާއި ފެލިވަރާއި ހިންނަވަރު، އދ. އަތޮޅުން މާމިނގިލި، ބ. އޭދަފުށި، އއ. ބޮޑުފޮޅުދޫ އާއި މަތިވެރިއެވެ.
މިއަދު 164 މީހުން ޕޮޒިޓިވްވި އިރު އިއްޔެ ވަނީ 253 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ކޮވިޑްގެ މި ހާލަތުގައި މާލެ ސަރަހައްދުގައި ރައްކާތެރި ކަމަށް އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ވަނީ ލުއި ދީފައެވެ. އެގޮތުން ކެފޭ/ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށް ވެހިކަލް މަނާ ވަގުތު ވަނީ އުވާލާފައެވެ. އަދި މިހާރު ސުކޫލުތައް ވެސް ވަނީ ފަށާފައެވެ. އަދި މިމަހު އެއް ވަނަ ދުވަހު ވަނީ ކާފިއު އުވާލާ ގިނަ ލުއިތަކެއް ދީފައެވެ.
ރޯދަ މަހު ލުއިތައް ދިނުމާއެކު މާލެ ސަރަަހައްދުގައި ގިނަ ބަޔަކު ހަވީރު ފިންޏަށް ބުރު ޖަހަން ނުކުމެ އުޅޭ އިރު މަޑި އެރުވުމަށް ކުޑަކުދިން ގޮވައިގެން ދަރުބާރުގެ ބިއްދޮށުގައި ވާ ހުސްބިމަށް ގިނަ ބަޔަކު ގޮސް އުޅޭ ތަން ފެނެއެވެ. އަދި ރެސްޓޯރަންޓް ތަކުގައި ރޯދަ ވީއްލުމަށް ބުކިން ހަދައިގެން ދާ މީހުން ވެސް އަންނަނީ މި ދަނޑިވަޅުގައި އިތުރު ވަމުންނެވެ.