2021 ވަނަ އަހަރުގެ އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ވިމެން އިން ޓެކް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ގުޅިގެން "ނެސްޓްޖެންގާލްސް" ގެ ނަމުގައި ވާޗުވަލް ޓުއާ ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެޕްރީލް 20، 21، 22 ވަނަ ދުވަހު ރާއްޖޭގެ ސާނަވީ އަދި މަތީ ސާނަވީ ކުދިންނަށް އަމާޒު ކޮށްގެން ވާޗުއަލްކޮށް ކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށް ގެންދަނީ މިނިސްޓްރީގެ އެހީއާ އެކު ކަމަށް މިނިސްޓްރީން ބުނެއެވެ.

އެފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ އަންހެން ކުދިންނަށް އަމާޒުކޮށް, އައިސީޓީ ދާއިރާގައި ހުރި ފުރުސަތުތައް އަންގައިދިނުމާއި, މިދާއިރާގެ އެކި އެކި ވަޒީފާތަކުގައި ކުރާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ވަޒީފާ ނުވަތަ މަތީ ތައުލީމުގެ ދާއިރާ ހިޔާރުކުރުމުގައި އައިސީޓީ ދާއިރާ ހިޔާރުކުރުމަށް ބާރުއެޅުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެއިވެންޓްގައި ކުދިންނަށް މައުލޫމާތު ދިނުމަށް ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ގޮތަށް 11 އިދާރާއެއް ބައިވެރިވާ ކަމަށެވެ.

އެޕްރޮގްރާމް ކުރިއަށްދާނީ ކޮންމެ އިދާރާއަކަށް ވާޗުއަލް ސެޝަންތަކެއްގެ ގޮތުގައި ކަމަށާއި އެސެޝަންތަކުގައި އެއިދާރާތަކުގެ މަސައްކަތުގެ މާހައުލާއި ވަޒީފާތަކާއި ގުޅޭ މައުލޫމާތު ދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އޭގެ އިތުރުން އަންހެން ކުދިންގެ މެދުގައި އެދާއިރާއަށް ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން އެއިދާރާތަކުގެ ޓެކް މީހުން އުފައްދާފައިވާ ޑިޖިޓަލް އުފެއްދުންތައް ދައްކާނެ ކަމަށާއި އަދި އެއިދާރާތަކުގެ ޓެކް ޓީމްތަކުން ކުރާ މަސައްކަތްތަކާއި ގުޅޭ އިތުރު މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަހަކީ އިންޓަނޭޝަނަލް ޓެލެކޮމް ޔޫނިއަން (އައިޓީޔޫ) އިން ކޮންމެ އަހަރަކު, ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއް ކަމަށެވެ. މިއީ މިދުވަސް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ 10 ވަނަ އަަހަރު ކަމަށް މިނިސްޓްރީން ބުނެއެވެ.

މިދުވަސް ފާހަގަ ކުރުމުގެ މަގްސަދަކީ އަންހެން ކުދިންނާއި އަންހެނުންގެ މެދުގައި އައިސީޓީ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ, އެރޮނގުން މަތީ ތަޢުލީމާއި ވަޒީފާ ހިޔާރުކުރުމަށް އެންހެން ކުދިންނަށް ހިއްވަރުދިނުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 4 ވަނަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން މިއަހަރު މިދުވަސް ފާހަގަކުރަނީ އެޕްރީލް 22 ގައެވެ.

ރާއްޖޭގައި މިދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ވިމެން އިން ޓެކް މޯލްޑިވްސްއިން މިދުވަސް ފާހަގަކުރުމުގެ ގޮތުން އެކި ހަރާކަތްތައް ހިންގައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދު ހިމެނޭގޮތަށް 25 ސްކޫލެއްގައި އެސެމްބްލީގައި ކަމާގުޅޭ މައުލޫމާތު ދިނުމާއި, އެކި އެކި ކުންފުނިތަކާއި ގުޅިގެން, އެކުންފުނިތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި އަދި އެދާއިރާގެ އެކި އެކި ޓްރެއިނިން ސެޝަންތައް ހިންގާފައިވެއެވެ.

މިނިސްޓްރީން ބުނީ އެ އިވެންޓް ކުރިއަށް ދާނީ, މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންޓަނޭޝަނަލް ޓެލެކޮމް ޔޫނިއަން ހިންގާ އިވެންޓްތަކުގެ ބައެއްގެ ގޮތުގައި ކަމަށެވެ.