ޒައިތޫންޏަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައިވެސް ބޭނުން ކުރަމުން އަންނަ މޭވާއެކެވެ. ޒައިތޫނި މޭވާގެ ތެރޭގައިވާ އޮށުން ނަގާ ތެލަކީވެސް ދިވެހިންނަށް މިއަދު ފަރިތަ އެއްޗެކެވެ. ދިވެހިންގެ ކެއިންބުއިމުގެ އާދައަށް އައި ބަދަލާއެކު، ދިވެހިންނާއި ޒައިތޫންޏާ ދެމެދު އޮތް ގުޅުން، އިހުނަށް ވުރެ ވަރުގަދަ ކަމުގައިވެސް ދެންނެވިދާނެއެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް ހާއްސަ ކޭންތައް ތައްޔާރު ކުރާއިރު ޒައިތޫނި ބޭނުން ކުރާއިރު، މި ކޭންތައް ދިވެހި ސުފުރާތަކަށް ތިލަވާއިރުވެސް އޭގައި ޒައިތޫނި އެކުލެވެއެވެ. ހަމަ އެހެންމެ، ސިއްހަތަށް ދޭންފެށި ހާއްސަ ސަމާލުކަމާއެކު، ކެއިންބުއިމުގައި ޒައިތޫނި ތެޔި ބޭނުން ކުރާ މިންވަރުވެސް މިހާރު މަދެކޭ ނުދެންނެވޭނެއެވެ.
އިސްލާމީ ނަޒަރަކުން ބަލާއިރު، ޒައިތޫނީގެ ވާހަކަ، ކީރިތި ޤުރުއާންގައިވެސް ބަޔާންވެގެންވެއެވެ. އެފަދަ ޢާޔަތްތަކެއްގެ މާނަ ހިއްސާކުރާނަމެވެ.
"ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ. އަދި ޠޫރުސީނާ ގަންދެއްވަމެވެ. އަދި އަމާންކަން ލިބިގެންވާ މި ރަށް (އެބަހީ: މައްކާ) ގަންދެއްވަމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާންގެ، އެންމެ ރިވެތި ޞޫރާގައި އިންސާނާ ހެއްދެވީމެވެ."
(ސޫރަތުއް ތީން، 1-4).
"އެކަލާންގެ އެ ފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހާ މޭވާގަސްތައް ތިޔަބައިމީހުންނަށްޓަކައި ފަޅުއްވަތެވެ. ހަމަކަށަވަރުން ފިކުރުކުރާ ބަޔަކަށް އެކަންކަމުގައި ހެތްކެއްވާކަން ކަށާވަރެވެ."
(ސޫރަތުއް ނަޙްލް، 11)
ޒައިތޫނިން ލިއްބައިދޭ ސިއްހީ ފައިދާ
ޒައިތޫނީގައި އެކުލެވޭ އަސާސީ މާއްދާތަކުގެ ތެރޭގައި ކާބޯހައިޑްރޭޓްސް، ޕްރޮޓީން، ފެޓް އަދި ފައިބަރު ހިމެނެއެވެ. ލޮނުގެ މާއްދާތަކުގެ ތެރެއިން ސޯޑިއަމް އަދި ޕޮޓޭސިއަމް ހިމެނެއެވެ. ޒައިތޫނީގައި އެކުލެވޭ އެކި ކަހަލަ ވިޓަމިން އެކުލެވޭއިރު، ކެލްސިއަމް، ކޮޕާ، ދަގަނޑު މެގްޒީނިއަމް އަދި ފޮސްފަރަސް ފަދަ މައުދަންތައްވެސް ހިމެނެއެވެ.
ބެކްޓީރިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުން: ޒައިތޫނީގައި ހިމެނޭ "އޮލިޔުރަޕިން" ގެ ސަބަބުން ބެކްޓީރިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހަށިގަނޑަށް ލިބެއެވެ. އެހެންކަމުން، ގަވާއިދުން ޒައިތޫނި ބޭނުންކުރާނަމަ ބެކްޓީރިޔާގެ ސަބަބުން ޖެހޭ ތަފާތު ބަލިތައް ޖެހުމާއި ދުރުކޮށްދޭނެ އެވެ.
ދުޅަތިރިކުރުން: ޒައިތޫނީގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން ޒައިތޫނި ބޭނުންކުރުމުން ދުޅަތައް ތިރިކޮށްދެއެވެ. އެގޮތުން މަސްތައް، ހުޅުތައް، ކަށިތައް، ލިގަމެންޓްތައް، އަދި އެހެނިހެން ޓިޝޫތަކުގައި ހުންނަ ރިހުމާއި ދުޅަ ތިރިކޮށްދެއެވެ. ވަކިން ހާއްސަކޮށް، ރާއްޖެ ބައްޔާއި، ހުޅުދުޅަވުމުގެ ތަފާތު ބަލިތައް ހުންނަ މީހުންނަށް ޒައިތޫންޏަކީ ފައިދާހުރި ބާވަތެއްކަމުގައި ދެންނެވިދާނެއެވެ.
ދުޅަހެޔޮ ހިތަކަށް ޒައިތޫނި: ޒައިތޫނީގައި ހިމެނޭ ޕޮލީފީނޯލް ތަކަކީ ސަރުބީ ދަށްކޮށްދޭ އެއްޗެކެވެ. އޭގެ އިތުރުން ޕޮލީފީނޯލް ތަކަކީ ލޭހޮޅިތައް ފުޅާކޮށްދީ، ގަނޑުލޭކޮޅުތައް ލޭހޮޅިތަކުގައި އުފެދުން ކުޑަކޮށްދީ، ހިތުގެ މަސައްކަތް ލުއިކޮށްދީ، ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.
ޒައިތޫނީގައި ހިމެނޭ މޮނޮއަންސެޗުރޭޓެޑް ފެޓްގެ ގޮތުގައި ބެލެވޭ އޮލީކް އެސިޑް އާއި ހިތުގެ ބަލިން ރައްކާތެރިވުމާއި ގުޅުމެއް ވާކަމަށް ދިރާސާތަކުން ދައްކާފައި ވެއެވެ. އޮލީކް އެސިޑަކީ ލޭގެ ޕްރެޝަރު ވެސް ދަށްކޮދޭ މާއްދާއަކަށްވުމުން މިއީ ވެސް ހިތުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ޒައިތޫނި ބޭނުންކުރުން ބާރަކަށް ވާކަމަށް ވެއެވެ. ގަނޑުލޭކޮޅު އުފެދި، ލޭހޮޅީގެ ލޭދައުރުވުމަށް ހުރަސްއެޅުން ހުއްޓުވައިދޭ މާއްދާއެއްވެސް ޒައިތޫނީގައި އެކުލެވިގެންވެއެވެ.
އޮލިވް ސެލަޑް
- ބޭނުންވާނެ ތަކެ
- 1-14 އައުންސް ދައުޅުގެ ފޮތިކުރި ފެހި ޒައިތޫނި (ދަޅު ފެން އުކާލާ)
- 1-14 އައުންސް ދައުޅުގެ ފޮތިކުރި ކަޅު ޒައިތޫނި (ދަޅު ފެން އުކާލާފަ)
- 1-10 އައުންސް ދަޅުގެ މަޝްރޫމް (ދަޅު ފެން އުކާލާފަ)
- 1 ރަތް ބެލް ޕެޕާ (އޮށް ނަގާ، ކުދިކޮށް ކޮށާފަ)
- 2 ފެހި ފިޔާ (ކުދިކޮށް ކޮށާފަ)
- 2 ލޮނުމެދު (ޗިސްކޮށްފަ)
- ¼ ޕާސްލީ (ކުދިކޮށް ކޮށާފަ)
- 2 މޭޒުމަތީ ސަމުސާ އެކްސްޓްރާ ވާޖިން އޮލިވްއޮއިލް
- 1 ސައި ސަމުސާ ހިއްކި އޮރެގާނޯ
- ½ ސައި ސަމުސާ ކަޅު އަސޭމިރުސް (މުގުރާފަ)
- ½ ސައި ސަމުސާ ހިއްކި މިރުސް (ރާޅުކޮށް މުގުރާފަ)
- ހެޔޮވަރު ވަރެއްގެ ލުނބޮއެއްގެ ހުތް އަދި ލުނބޯ ހުތު ޖޫސް
ތައްޔާރު ކުރާނެ ގޮތް
- ބޮޑު ބޯތައްޓެއްގައި ހުރިހާ ބާވަތްތަކެއް ރަނގަށް އެއްކޮށްލާ
- ނޯޓް: ވަގުތުންވެސް ބޭނުން ކުރެވިދާނެ. ނުވަތަ އެއްކުރި ހުރިހާ ބަތެއްގެ ރަހަތަށް ރަނގަޅު މަސްހުނިވެލުމަށް ފުރުސަތު ދިނުމަށްޓަކައި ފުރިޖުގައި ގަޑިއެއްހާއިރު ވަންދެން ބަހައްޓާލެވިދާނެ.
- ހަފުތާއެއް ވަންދެން (ފުރިޖުގައި ބަހައްޓައިގެން) ބޭނުން ކުރެވޭނެ.
ޒައިތޫނިން ލިއްބައިދޭ އިތުރު ފައިދާތަކުގެތެރޭގައި ސަރުބީ ދަށްކުރުން، ކެންސަރުން ރައްކާތެރިވުމަށް އެހީވެދިނުން، ކަށިތައް ވަރުގަދަ ކުރުން، ވިހަ ސާފު ކުރުމާ، ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން ފަދަ ފައިދާތައް ހިމެނެއެވެ.