އިންޑިއާގެ ހާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރާ، ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝަހް މަހްމޫދު ގުރައިޝީ މިވަގުތު ތިއްބެވީ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައެވެ. މިހާ ހިސާބުން އުފެދެނީ ސުވާލުތަކެކެވެ. މިއީ ހަމަ އިއްތިފާގެއްތޯއެވެ. އަބޫދާބީގައި ކެކެމުން އެދަނީ ކޮންފަދަ "ޖާފަތެއް" ތޯއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް ނިއުކްލިއާ ދެ ބާރު ކަމުގައިވާ ޕާކިސްތާނާ އިންޑިއާގެ ހާރިޖީ ވަޒީރުން އެއް ވަގުތުގައި ޔޫއޭއީގައި މި ތިއްބެވީ، މި ދެގައުމު ސުލްހަކޮށް، މަޝްވަރާގެ މޭޒު ދޮށަށް ހާޒިރު ކުރުމަށް އެކުވެރި އަރަބި އިމާރާތުން މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް އެ ގައުމުގެ އިސް ޑިޕްލޮމެޓަކުވެސް ކަށަވަރު ކޮށްދެއްވާފައި ވަނިކޮށެވެ. އެ ޑިޕްލޮމެޓަކީ، ޔޫއޭއީއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޔޫސުފް އަލް އުތައިބާއެވެ.

ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ/ފޮޓޯ: އޭއެފްޕީ

3 ދުވަހުގެ ދަތުރެއްގައި، ގުރައިޝީ ޔޫއޭއީއަށް ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޑރ ޖައިޝަންކަރު ޔޫއޭއީއަށް ވަޑައިގަތީ އާދީއްތަ ދުވަހުއެވެ.

ހައިރާން ކުރަނިވި ކަމަކީ، މިއީ 2 ހާރިޖީ ވަޒީރުން، ފާއިތުވީ 3 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، އެއް ވަގުތެއްގައި، އެއް ގައުމެއްގައި ތިއްބެވި 2 ވަނަ ފަހަރަށް ވާ ކަމެވެ. މާޗް 30، 2021 ވަނަ ދުވަހު ތަޖިކިސްތާނުގައި ކުރިއަށް ދިޔަ "ހާޓް އޮފް އޭޝިއާ" ސަމިޓްގައިވެސް މި ދެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ނަމަވެސް، ދޭދޭ މަޝްވަރާތަކެއް ނުކުރައްވައެވެ.

މި ފަހަރުގެ ދަތުރުގައި 2 ގައުމުގެ ހާރިޖީ ވަޒީރުން ބައްދަލު ކުރައްވަނީބާއެވެ. ރިޕޯޓްތައް ބުނަނީ އެފަދަ ކަމެއް ނުހިނގާ ކަމަށެވެ. ދޭދޭ މަޝްވަރާތަކެއް އެއްވެސް ވަރަކަށް އެޖެންޑާގައި ނެތް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު / ފޮޓޯ: ސޯޝަލް މީޑިއާ

ޑރ ޖައިޝަންކަރު ކުރެއްވި 1 ދުވަހުގެ ދަތުރުގައި، ޔޫއޭއީގެ ހާރިޖީ ވަޒީރު ޢަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލު ކުރެއްވިއެވެ. މަޝްވަރާ ކުރެއްވީ ދޭދޭ ގުޅުންތައް ބަދަހި ކުރުމާ، އިގުތިސޯދީ އެއްބާރުލުން ދިނުމާއި، މުޖުތަމައުގެ ލާބައާ މަންފާއަށް މަސައްކަތް ކުރުމާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ކަންކަމާ ގުޅޭ ގޮތުންނެވެ.

ގުރައިޝީއާ ޔޫއޭއީގެ ހާރިޖީ ވަޒީރުގެ މަޝްވަރާތައްވެސް ދިޔައީ މިފަދަ ރޫހެއްގައެވެ. މަޝްވަރާ ކުރެއްވީ ދޭދޭ ވިޔަފާރިއާ، އިންވެސްޓްމަންޓާ ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުންނެވެ.

މިއީ ރަސްމީ ސިފައެއްގައި އެނގެން އޮތް އެޖެންޑާގެ ހުލާސާއެވެ. އެއްވެސް ހާލެއްގައި ކަމެއް ހިނގި ކަމަށް ދަންނަވަނީއެއް ނޫނެވެ. ނަމަވެސް މިފަހަކަށް އައިސް ކަން ހިނގަމުން އަންނަގޮތާ، ލިބެމުންދާ އިޝާރާތްތަކަށް ބަލާއިރު، ސިކުނޑީގެ ވިސްނުން ފުޅާ ނުކުރާންވީ ސަބަބެއް ނެތީއެވެ.

މި ފަހަކަށް އައިސް ޕާކިސްތާނާ އިންޑިއާގެ ގުޅުން އެންމެ ހީނަރުވެގެން ދިޔައީ "ބަލަކޮޓް ހަމަލާ"ތަކާ ގުޅިގެންނެވެ. އެ ހަމަލާތަކަށް 2 އަހަރު ފުރުނު ވަގުތާ ދިމާކޮށް، ފެބުރުއަރީ މަހު ދެ ގައުމުން ދުނިޔެ ސިއްސުވާލީ، ގުޅިފައިވާ ބަޔާނެއް އާންމު ކޮށްގެންނެވެ. އެ ބަޔާން ވެގެން ދިޔައީ، ދެ ގައުމު ހިއްސާ ކުރާ ލައިން އޮފް ކޮންޓްރޯލް ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމަކަށެވެ.

އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގެ ޕާކިސްތާނާ ވީ ފަޅީގައި ޕާކިސްތާނު އަސްކަރިއްޔާއިން ފޯރިމަރަނީ/ ފައިލް ފޮޓޯ: އަންޖުމް ނަވީދު

ޖެހިގެން އައި މާޗް މަހަކީވެސް އެފަދަ މަހެކެވެ. ދެކުނު އޭޝިއާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަރާ ދިއުމަށް، އިންޑިއާ އަދި ޕާކިސްތާނުގެ ގުޅުން ބަދަހިވުން މުހިންމު ކަމަށް، ޕާކިސްތާނު އަސްކަރިއްޔާގެ އިސްވެރިޔާ ގަމަރު ޖަވިދު ބަޖުވާވެސް ވިދާޅުވިއެވެ. ދެން އިވެގެން ދިޔައީ، އިންޑިއާ މަގުން ޕާކިސްތާނަށް މުދާ އެތެރެ ކުރުމާ ބެހޭ މަޝްވަރާތަކެއް ފެށުނު އަޑެވެ. ނަމަވެސް އެކާމިޔާބެއް ނުވިއެވެ.

އިންޑިއާ އަދި ޕާކިސްތާނު އެއް ގަލަކަށް އެރުވުމަށް ޔޫއޭއީއިން މަސައްކަތް ކުރާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ދެ ގައުމުގެ ހާރިޖީ ވަޒީރުން ޔޫއޭއީގައި އެއް ވަގުތެއްގައި ތިއްބެވުމުން، ސުލްހައިގެ އަލިކަމުގެ ކޮޅުމަތީ ފެންނަނީ ނޫން ކަމަށް ބަހުސް ނުކުރާންވީ ސަބަބެއް ނެތެވެ. ނަމަވެސް، ސުލްހައިގެ ރައުޔުގައި އިންޑިއާއިންވެސް އަދި ޕާކިސްތާނުންވެސް ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ. ދެގައުމުގެ ސަރުކާރުން މިކަމުގައި ގެންގުޅޭ ހިމޭންކަމަކީ ސުލްހައިގެ ރަނގަބީލަކަށް ވެދާނެބާއެވެ؟