އޭރު ވާނީ ލޮނުޒިޔާރަތް ޕާކު ހުޅުވިތާ ހަފްތާއެކެވެ. ސާހިލްއާއި ސާރާ ޕާކަށް ދިޔައީ އެ ޕާކުގެ ރީތި ވާހަކަ ރައްޓެހިން ދައްކާތީ ބަލާލާށެވެ.
ޕާކަށް ވަދެވުނީ ކިޔު ޖެހިގެން އަވީގައި ތިބޭތާ އެތައް އިރެއް ވީ ފަހުންނެވެ. ޕާކަށް ވަދެވުނު އިރު ވެފައި ހުރި ވަރުބަލި ކަމުގެ ސަބަބުން މާ ދުރަށް ނުގޮސް އެ ދެކުދިން ގަސްދު ކުރީ އަރިމަތީގައި ހުރި ގޮނޑިއެއްގައި އިށީންނާށެވެ.
"ރެސްޓް ކޮށްލާފަ ދެން ދެވޭނީ..." ގޮނޑީއާ ދިމާއަށް ހިނގައިގަންނަމުން ސާހިލް ބުންޏެވެ. ބޭރުގައި ކިޔުގައި ހުރި އިރުވެސް ވަރުބަލި ވާ ވާހަކަ އާއި، ހޫނު ގަދަ ވާހަކަ ދައްކާ ޝަކުވާ ކުރަމުން ދިޔައީ ސާހިލް އެވެ.
"އެ ކޮޅަށް ހިނގާ..." ސާރާ އިޝާރާތް ކުރީ ތަންކޮޅެއް ދުރުގައި ހުރި އެހެނަސް ހަމަ އޭނގެ ގޮނޑިއަކަށެވެ.
"މި ތަން އޯކޭ އެ..." ސާހިލް ބޮޑާ ހާކާލުމުން ސާރާ ގިވް އަޕް ކުރިއެވެ. އަދި ސާހިލް އާ އެކު އެ ގޮނޑީގައި އިށީނެވެ.
އޭރުވެސް ޕާކަށް ވަންނަ މީހުން ވަދެއެވެ. ކިތަންމެ އިރަކު ކިޔުގައި ތިބެން ޖެހުނު ނަމަވެސް ޕާކަށް ވަދެވުމާއެކު އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ޕާކުގެ ދެފަރާތުގައި ހުރި ރީތި މާގަސްތަކާއި ރީތި ގަސްތައް ފެނިފައި "ވައު" ވެފައި އެމީހުން އެތެރެއަށް ވަދެގެން ދެއެވެ.
"ދެން ސާހިލް ހިނގާބަ ދާން.." ސާރާ އަދިވެސް އިންސިސްޓް ކުރަނީ ދާށެވެ.
ސާރާގެ ބޮޑާ ހޭކުމާއެކު ސާހިލްވެސް ތެދުވެއްޖެއެވެ.
"ލުކް" ސާރާއަށް ފެނުނު ރީތި މަލެއް ސާހިލް އަށް ދައްކަމުން އިޝާރާތް ކޮށްލިއެވެ.
"ވައު...ރީތި ދޯ، އައި ހެވަންޓް ސީން ސަޗް އަ ފްލާވާ...މި ކޮންނަމެއް ކިޔާ މަލެއް" ސާރާ ސާހިލްއާ ސުވާލު ކުރިއެވެ.
"ސައި މަލެއް ނު ތީ..." ކުޑަކޮށް ފޫހި ގޮތަކަށް ސާހިލް ބުންޏެވެ.
"ދެން ސައިމާ ފެނުނީމަ ސާރާއަށް ވެސް އިނގޭނެ ދޯ...ދިސް އިޒް ޑިފަރަންޓް...އައި ތިންކް...އޭ ބޭބޭ މީ ކޮންކަހަލަ މަލެއްތަ...އައި މީން ކޮން ނަމެއް ކިޔާ މަލެއްތަ؟" ސާހިލްއާ ވާހަކަ ދައްކަން ހުއްޓާ ޕާކް ބަލަހައްޓާ މީހަކު ފެނުމުން ސާރާ އެހިއެވެ.
"ނޭނގެނީ ކޮން ވައްތަރު..." ޕާކު ބަލަހައްޓާ މީހާ ބުންޏެވެ. އެއީ ބިދޭސީއެކެވެ. އޭނާގެ ކަމަކީ ޕާކުތެރެ ރަމަތަކޮށް ބެލެހެއްޓުމެވެ. އެހެން ވީމާ މާ ބޮޑު އަޅާލުމެއް ނެތި އޭނާ ބުންޏެވެ.
ސާރާއާއި ސާހިލް ހިނގަމުން ދިޔައެވެ. ޕާކުގެ ވަރަށް އެތެރެއަށް ދެވުމުން ދެކުދިން ނިންމީ، ޕާކު ތެރޭގައި އޮތް މަސް ފެންގަނޑު ކައިރީގައި މަޑު ކުރާށެވެ. އެ ފެންގަޑުގައި މަސްތައް ދުވެ ސަކަރާތް ޖަހާ ގޮތް ދެކުދިންނަށް ވަރަށް ކަމުދިޔައެވެ. އެކަކު އަނެކަކާ ގައިގޯޅި ވެފައި މާމެލާމެލި ކޮށްލިއެވެ. ލޯބިން ބައްދާލިއެވެ. ޕާކުގައި އެހެން މީހުންވެސް އުޅެއެވެ. އެ މަސް ފެންގަޑު ކައިރީގައިވެސް މީހުން ތިއްބެއެވެ. ނަމަވެސް އެންމެންވެސް ތިބީ މަސްތަކަށް ގެއްލިފައެވެ.
"އައި ލަވް ޔޫ..." ސާރާގެ ކަންފަތް ދޮށުގައި ވައި އަޑަކުން ލޯބި ވާ ވާހަކަ ސާހިލް ބުންޏެވެ. އޭރު ސާހިލްގެ އަތުގައި ރީތި މަލެއްވެސް އޮތެވެ. އެމާ ސާރާގެ ބުރުގާ މަތިން ކަންފަތާ ދިމާވާނެހެން ހަރުކޮށް ދެމުން ސާހިލް އެ މަލުން ވަސް ބަލާލިއެވެ.
"އިޓްސް ސެކްސީ އޭސް ޔޫ..." ލާނެއް ގޮތަކަށް ސާހިލް ބުނެލިއެވެ. ސާރާ "ހޫނނ އޭ" ބުނާ ފަދަ ގޮތަކަށް ސާހިލްގެ ގައިގާ ޖަހާލިއެވެ. ލޯބިންނެވެ.
މަންޒަރު ބަދަލުވީ އެވަގުތުއެވެ. ސާހިލްގެ ބޮލަށް އެނބުރުމެއް އަރާހެން ހީވާތީ އެވާހަކަ ސާރާ ގާތު ބުނެފިއެވެ. އެއާއެކު ސާރާ ސާހިލް ގައިގާ ބައްދާލައިގެން އަތުލަފިކޮށްގެން ކަހަލަ ގޮތަކަށް ގޮސް ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ.
"ފެން ފުޅިއެއް ގެންނަން ތަ؟" ސާރާ އެހިއެވެ.
"އުހުން...އެ އޯވޭ ވެދާނެ..." ސާހިލް ބުނެލިއެވެ.
އިރުކޮޅެއް ނުވެ ބޮލުގެ ރިހުން ކެނޑިއްޖެއެވެ. ދެކުދިން ލައްކަ އިރު އެ ގޮނޑީގައި އޮލަ ވާހަކައިގައި ތިއްބެއެވެ. ސާރާގެ ބޮލުގައި ޖަހައިދިން މާ އެތައް ފަހަރަކު ސާރާ ނެގިއެވެ. އެ ކޮންމެ ފަހަރަކު ސާހިލް އެ މާ ސާރާގެ ބޮލުގައި ހަރުކޮށް ދެއެވެ. އޮލަ ވާހަކައިގައި އެހެން ތިބި އިރު އެ މާ ނަގާ އުޅުމުގެ ތެރޭގައި މަލުގެ ބައެއް ފިޔަތައްވެސް ދެކުދިން ނައްޓާ ހެދިއެވެ. "ސާރާ ލަވްސް މީ...ލަވްސް މީ ނޮޓް" ކިޔަމުން ފިޔަތައް ނެއްޓުނު އަދަދެއްވެސް އެ ދެކުދިންނަކަށް ރޭކާ ނުލައެވެ. މުޅި މާ އެއްކޮށް ނޮޅާ ހުސްކޮށްލެވުނު އިރުވެސް ނޭނގުނެވެ.
ގަޑިތައް ފާއިވެގެން ދިޔަ ގޮތްވެސް ދެކުދިންނަށް ނޭނގުނެވެ. "ބަންދު ކުރާ ޓައިމް ޖެހުނީ" ޕާކް ބަލަހައްޓާ މީހާ ބޮކިތައް ނިއްވަމުން ޕާކު ތެރެ ބަލަމުން ގޮސް އެ ދެކުދިންނާ އަރާ ހަމަވުމުން ބުންޏެވެ. އެއާއެކު ދެކުދިން ތެދުވެގެން އަވަސް އަވަހަށް ޕާކުން ނުކުމެގެން ދިޔައީއެވެ.
ސާރާ ގެއަށް ލައިފައި ސާހިލްވެސް ދިޔައީ ގެއަށެވެ. އާންމުކޮށް ކޮންމެ ރެއަކު ނިދުމުގެ ކުރިން ގައި ދޮވެލާ ހެދިނަމަވެސް މިރޭ އެކަން ކުރާކަށް ސާހިލް ހަނދާނެއް ނެތެވެ. ކޮޓަރިއަށް ވަނުވާއެކު ވެއްޓިގަތީ އެނގުމައްޗަށެވެ. ނިދާކަށް ނޫނެވެ. ނަމަވެސް އެ ބޮލުގެ ރިހުން އަދިވެސް މުޅިން ނުފިލާ ހުރިހެން ހީވާތީ ޖައްސާލީއެވެ.
ދެބަ ދޭތެރޭ ކަހަލަ ގޮތަކަށް އޮއްވާ ސާހިލް ހޭލައްވާލީ، އެއްކަހަލަ މަލުގެ ވަހެވެ. އެ މަލުގެ ވަސް ކުއްލިއަކަށް ސާހިލްގެ ނޭފަތުގައި ޖެހުނެވެ. އެއާއެކު ސާހިލް ފުންމައިގެން ތެދުވެއްޖެއެވެ. އޭނާ ހީކުރީ އެއީ، އަތްފައި ދޮވެ ނުލައި ދިޔަ ގޮތަށް އޮށޯތީމާ ވީ ގޮތެއް ކަމަށެވެ. ނަމަވެސް ކަންވީ މުޅިއަކުން އެހެނެއް ނޫނެވެ. އެ މަލުގެ ވަހާއެކު މާ ވެސް އެބައޮތެވެ. ސާހިލްގެ އެނދުގެ ބޯލާ ކޮޅުގައި އެ އޮތީ އެމަލެވެ. ގަދަ ރަތް ކުލައިގެ އެ މާ އެ އޮތީ ހަމަ ދެންމެ ގަހުން ބިން ފަދަ ތާޒާ ކޮށެވެ.
ސާހިލް ސިހުނެވެ. ހުއްޓުން އެރިއެވެ. ކޮޅަކުން ކުރެ ކޮޅަކަށް ގުޑައިވެސް ނުލެވުނެވެ. އަޑުން އަޑު ނަގާ ރޯން ފެށިއެވެ.
އޭނާ ރޯ އަޑަށް ގޭގައި އުޅޭ އެހެން މީހުން ދުވެ ގޮސް ސާހިލްގެ ކޮޓަރިއަށް ވަން އިރު ބިންމަތީގައި ދެފައި ވައްކޮށްގެން އިނދެ ރޮނީއެވެ. ކިހިނެއްތޯ ވީ އެހީމާ ދޭ ޖަވާބަކީ "މާ..." އެވެ. ކޮން މަލެއް ތޯ، އެމީހުން ސުވާލު ކުރުމުންވެސް ދޭ ޖަވާބަކީ އެއެވެ.
ސާހިލްގެ ކޮނޑުގައި އޭނާގެ ދޮންބެ އަތްލުމާއެކު ފުންމައިގެން ތެދުވެއްޖެއެވެ. ދޮންބެ ފޮޅާލާފައި ކޮޓަރިން ނުކުމެގެން ދާން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ދޮންބެގެ ހުށިޔާރު ކަމުން، ސާހިލް ދިޔަ ނުދީ ހިފެހެއްޓިއެވެ. އޭނާގެ ދޮންބެއަށް އެ ވެގެން އުޅޭ ގޮތް ކޮންމެވެސް ވަރަކަށް ރޭކާލިއެވެ. ދޮންބެ އަކީ ވަސްވާސް ވެރިކަމުގެ އެތައް ތަޖުރިބާއެއް ދެކެފައިވާ މީހެއް ކަމުން، ސާހިލް މައިތިރި ކުރާނެ ކިތަންމެ އުކުޅެއް ދޮންބެ އަށް އެނގެއެވެ. ދޮންބެ ވަގުތުން ކައިރީގައި ތިބި މީހުންގެ އެހީއާއެކު ސާހިލް އޮބާ ބަހައްޓާ ކޮޓަރިއަށް ވެއްދިއެވެ. އަދި ދޮރު ލައްޕާ ދޮރު ކުރިމަތީގައި 2 މީހުން ބޭތިއްބިއެވެ. ދެން ހުރި މީހާ ލައްވާ ފޯނުން ގުރުއާން ޖެއްސުވިއެވެ. ބަގަރާ ސޫރަތް ޖަހަން ބުނެފައި ދޮންބެ ފޯނު ނަގާ މީހަކަށް ގުޅިއެވެ.
ގެއަށް އައިސް ވަނީ ދޮންބެގެ އެކުވެރިޔާ ހަކީމެވެ. ހަކީމަކީ ރުގުޔާ ކުރުމުގެ މާހިރެކެވެ. ހަކީމު އައީ ފުލް ކިޓުގައެވެ. ކިޔާނެ ކިޔެވެއްޔާއި، މަތުރާނެ ފެންވެސް ހިފައިގެންނެވެ. ފަހަރުގައި އެއީ މަތުރާ ހަދާފައި ހުރި ފެނަކަށްވެސް ވެދާނެއެވެ. ކޮޓަރިއަށް ވަދެފައި ހަކީމު ފުރަތަމަވެސް ކުރި ކަމަކީ ސާހިލް އަށް ފެންތައްޓެއް ބޯން ދިނުމެވެ. އެއާއެކު ސާހިލް އެނދުމައްޗަށް ދެމިއްޖެއެވެ.
ހަކީމު މަސައްކަތް ފެށީ ދެނެވެ. ކިޔެވެލިތައް ކިޔާވާ، ދޭތެރެ މެދުން ފެންތައްޓަށް ފުމެލާފައި ސާހިލްގެ މޫނަށް ފެން ބުރުވައެވެ. އެކަމެއްގައި އެރޭ އެއް ދަންފަޅި ދިޔައެވެ. ސާހިލް ހޭވެރިކަން ވެ ލޯހުޅުވާ ވާހަކަ ދައްކަން ފެށީ ފަތިސް ނަމާދު ބަންގިއާ އެކުގައެވެ.
ވީ ގޮތް ސާހިލް ކިޔައިދިނީ ދެނެވެ. އެ ދުވަހު އެ ޕާކަށް ގޮސް، އެ ބިނދެވުނު މަލުގެ ވާހަކަ އެކެވެ. އެއާއެކު އެ މަލަށް ހެދި ގޮތުގެ ވާހަކައެވެ.
ހަކީމު ބުންޏެވެ. "ނަސީބަކުން ތި ސަލާމަތް ވީ...ތި ބިނދެވުނީ މަލެއް ނޫން...ފަތިހަށް ގޮވިކަން އެއީ ނަސީބެއް...، ފަތިހަށް ނުގޮވަނީސް ސާހިލްއަށް ނިދުނު ނަމަ ވަރަށް ގޯސް ވީސް" ސާހިލްގެ ދޮންބެ އާ ދިމާއަށް އެނބުރިލަމުން ހަކީމު ބުންޏެވެ.
- ނިމުނީ -