ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ސެނެހިޔާގައި ވެކްސިން ޖަހައިދޭ އިރު ސިފައިންނާއި އެ ސިފައިންގެ އާއިލާ މީހުންނަށް އިސްކަން ދިނުމުގެ ބަދަލުގައި އާންމުންނަށް ހަމަހަމަ ކޮށް ވެކްސިން ޖަހައިދިނުމަށް އެޗްޕީއޭއިން އަންގައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސެނެހިޔާގައި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް އިސްކަން ދީގެން ވެކްސިން ޖަހައިދެމުން ދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ހަމަހަމަކޮށް ވެކްސިން ޖަހައިދިނުމަށް ސެނެހިޔާއަށް އަންގާފައިވާ ކަމަށް ޕްރެސް ކޮންފަރެންސް ނިމުނު ފަހުން އެޗްޕީއޭގެ އޮފިޝަލް ވިދާޅުވިއެވެ.
މިއަދު ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' ގެ ނޫސްވެރިޔާ ވަނީ ސެނެހިޔާގައި ވެކްސިން ޖަހައިދެމުންދާ ގޮތާ ގުޅިގެން ޑރ. ފާތުމަތު ނަޒްލާއާ ސުވާލު ކޮށްފައެވެ. އެގޮތުން ސެނެހިޔާއަށް ވެކްސިން ޖަހަން ރޭގަނޑު 7.15 ގައި ދިޔަ މީހަކަށް 3 ވަނަ ނަމްބަރު ލިބުނު ނަމަވެސް އޭނާ ވެކްސިން ޖަހަން ރޭގަނޑު 11 އިގެ ފަހުން ދާން ބުނި ކަމަށް ނޫސްވެރިޔާ ބުނެއެވެ. ސެނެހިޔާއިން ވަނީ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް އިސްކަން ދީގެން ވެކްސިންޖަހާތީ ލަސްވާނެ ކަމަށް ބުނެފައި ކަމަށް ވެސް ނޫސްވެރިޔާ ބުނެއެވެ. ވެކްސިން ޖަހައިދިނުމުގައި އާންމުންނާ ދޭތެރޭ ތަފާތު ކުރުން ގެންގުޅޭ ސަބަބު އޮޅުން ފިލުވުމަށާއި މިހާރު ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދެމުންދާ އިރު މިފަދަ މައްސަލަތައް ކުރިމަތިވާ ސަބަބު އޮޅުން ފިލުވައި ދިނުމަށް ނޫސްވެރިޔާ އެދިފައި ވެއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޕްރެސްގައި ވިދާޅުވީ، ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ވެކްސިން ސެންޓަރުތަކުންގައި އޮޕްރޭޝަން މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެ މައްސަލަަތައް ހައްލުކުރަން ވެކްސިން އޮޕަރޭޝަން ސެންޓަރުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ރޯދަ މަސް ކަމުން ބައެއް ދަތިތައް ހުރިކަން ފާހަގަ ކުރައްވާ ނަޒްލާ ވަނީ އެފަދަ މައްސަލަތައް ހައްލުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ކޮވިޑް ވެކްސިން ރާއްޖޭގައި ދޭނަ ފަށާފައި ވާއިރު ދެވަނަ ޑޯޒް ޖަހަން ފަށާފައި ވަނީ މި މަހުގެ 3 ވަނަ ދުވަހެވެ. މި ރޯދަ މަހު ވެކްސިން ޖަހާ ގަޑިއަކީ ރޭގަނޑު 9 އިން 11 އަށް ނިންމައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެކްސިން ޖެހުމުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް އޭގެ އަނެއް ދުވަހު ވަނީ ވެކްސިން ޖަހަން ފަށާފައެވެ.
ކޮންމެ ރެއަކު އެތައް ބަޔަކު ވެކްސިން ޖެހުމަށް ކިއުގައި އެތައް އިރެއް ވަންދެން ތިބެން ޖެހުމުން އެޗްޕީޢޭއިން ވަނީ ވެކްސިން ޖަހާ ގަޑި ވެސް އިތުރު ކޮށްފައެވެ. އެ ގޮތުން ިހާރު ވެކްސިން ޖަހައިދެނީ ރޭގަނޑު 9:00 އިން 11:45 އަށެވެ.
ގަޑި އިތުރު ކުރި ނަމަވެސް ކިއު ދިގުވެ އެތައް އިރަކު ކޮޅަށް ގައިދުރު ކަމެއް ނެތި ތިބެންޖެހޭ މައްސަލައަށް ހައްލެއް ނުލިބެއެވެ. ރޭވެސް ކިއު ދިގުވެ އެތައް އިރަކު ވެކްސިން ޖަހަން ދިޔަ މީހުން ކއިުގައި ތިބެ ޖެހުނެވެ. އެ ކިއުތަކުގައި ދިވެހިންނަށް ވުރެ ގިނައީ ބިދޭސީންނެވެ.
ބޮޑަށް އިސްކަންދޭންވީ ބޭރުމީހުނަށްދޯ ؟؟ ދުނިޔޭގެ ހުރިހާތާކުވެސް ސިފަިންނާ ފުލުހުން ފަދަ މުއައްސަސާތަކަށް އިސްކަންދޭ ތަންތަން ހުރޭ
ސިފައިންނާއި ފުލުހުންނަށް އިސްކަން ދެންޏާ އާންމުން އެތަނަށް ނުގެންގޮސް ފުލުހުންނާ ސިފައިންނަށް އެކަނި ޖަހާނީ. އާންމުންނަށްވެސް ޖެހެޔޭ، ހާއްސަ އެހީއާ އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދެމޭ ކިޔާތީ ގޯސް ވަނީ.