އުޑުމަތި ބަނަ ވިލާ ބޯ ދުވަހެކެވެ. މެންދުރުން އަނބުރާ ތިނެއް ޖަހައިފިއެވެ. އޮފީހުން އާދެވުނުލެއް ތަންކޮޅެއް ލަސްވެސް ވެއްޖެއެވެ. އެހެން ނަމަވެސް އަވަހަށް ކާލައިގެން އަހަރެންގެ ދަބަސްގަނޑު ނަގައިގެން އެއަށް މަސްބާނަން ގެންގުޅޭ ބައެއް ސާމާނު އަޅާލައިގެން ގެއިން ނުކުތީ ބައްޕަގެ ކުޑަ ބޮއްކުރާގައި މަސްބާނަން ދާށެވެ.
"ދަރިފުޅާ މިހާ މޫސުން ގޯސްކޮށް އޮއްވައިވެސް މަސްބާނަން ދާންތަ ތިޔަ ދަނީ! މިހާރު އެއޮތް އަސުރަށް ގޮވަން އުޅެނީ! ނަމާދު ކޮށްލައިގެން ދާތި!" ގެއިން ނުކުމެ ސައިކަލަށް އަރަނިކޮށް މަންމަ ގޮވާލިއަޑު އިވުނެވެ. މަންމަ ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދީ އަވަސް އަވަހަށް ތަޅުދަނޑި ޖަހާލައި އަނބުރާލުމާއެކު ބާރު ބާރަށް ދުއްވާލީ ކައިރީގައި ހުރި ފިހާރައިން ބޯލާނެ ދަޅެއް ގަނެލާންވެސް ޖެހޭތީއެވެ. އެ ފިހާރައިން ބޭނުންވާ ހުރިހާ އެއްޗެއް ލިބުމުން ދެން މިސްރާބު ޖެހީ އަތިރިމައްޗާ ދިމާއަށެވެ. ސައިކަލު ޕާކު ކުރުމަށް ފަހު ބައްޕަގެ ކުޑަ ބޮއްކުރަޔަށް އަރާ ސްޓާޓް ކޮށްލީމެވެ.
އެހެންޏާ އަހަރެން ފަރުމަހަށް ގޮސްއުޅެނީ އެކަންޏެއް ނޫނެވެ. މިއަދު އެކީ އަންނަ އެއްވެސް މީހަކަށް އާދެވޭ ގޮތް ނުވީއެވެ. އަހަރެން އެކަނި ދާކަށްވެސް ޖެހިލުމެއް ނުވެއެވެ. އާންމުކޮށް އަހަރެމެން ދަނީ ރަށް ކައިރީގައި އޮންނަ ފަޅުރަށުގެ ފަޅުމައްޗަށެވެ. ދިހަވަރަކަށް މިނިޓުން ދެވޭ ހިސާބަކަށް ވުމުން ގޮވާލިޔަސް ރަށުގައި ތިމި މީހުންނަށް އަޑުއިވޭނެކަން ޔަގީނެވެ. މަސް ބާނަން ދެވިހިފާފައި ހުންނާތީ ކިތަންމެ ވިއްސާރަޔަށް ވިލާމަތީ ވިލާލާފައި ހުއްޓަސް އަހަރެން މަހަށް ނުގޮހެއް ނުހުންނަމެވެ. ފަޅުރަށުގެ ފަޅުމައްޗަށް ދެވުމުން ބޮއްކުރާގެ އިންޖީނު ނިވާލީމެވެ. ބޮއްކުރާ އަޅާފައި ބުޅިކަންވާރު ރަނގަޅުކޮށްލުމަށްފަހު ކަންވާރު ދޫކޮށްލައިގެން އިނީ މަހެއް ކޮށާލާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެހެން އިންއިރު ދުރުން ފެންނަން އޮތް އުދަރެހާ ދިމާލަށް ބަލާލެވެއެވެ. ވަރަށް ހިތްގައިމު މަންޒަރެކެވެ. އާންމު ވަރަށްވުރެ ވައިވެސް ބާރެވެ. ތަންކޮޅެއް ދުރުގައި އެހެން ދެމީހަކުވެސް ޑިންގީއެއްގައި ނަނު ދޫކޮށްގެން ތިބިތަން ފެނުމުން ހިތަށް ހިތްހަމަޖެހުން ގެނުވިއެވެ. ބައިގަޑިއެއްހާ އިރު ވީއިރުވެސް ކަންވާރުގައި އެއްޗެއް ކޮށާލާ ގޮތެއް ނުވިއެވެ. ފޫހިވެގެން ރައްޓެއްސަކަށް ގުޅާލާ އަނގަތަޅާލުމަށް ފަހު ފޯނު ބޭއްވީއެވެ.
މަސްވެރިކަން އެހާ ރަނގަޅު ހިސާބަކަށް ނުވުމުން އަނެއްކާވެސް ތަންކޮޅެއް ރަށާ ބޭރަށް ދުއްވާލީމެވެ. އަނެއްކާވެސް ކަންވާރު ދޫކޮށްލައިގެން އިނީއެވެ. ދެނަކާ ދެނެއް ނެތެވެ. ފުލުފުލުގައި މަސް ބޭނެން ފެށިއެވެ. އެކަމުގެ ތެރޭގައި މަސްއޫލުވީ ވަރުން މޫސުމަށް އަންނަން ފެށި ބަދަލަކަށް ވެސް މާބޮޑަކަށް އަޅައެއް ނުލެވުނެވެ. ތަންކޮޅެއް ދުރުގައި އުޅުނު ދެމީހުންވެސް މިހާރަކު ފެންނާކަށް ނެތެވެ. މުޅި ދުނިޔެމަތި އަނދިރިވާން ފަށައިފިއެވެ. އަދި އެކަމަކު އެޖެހީ ފަހެކެވެ.
އެހެން އިންދާ ކުއްލިއަކަށް ވައި ބާރުވާން ފަށައިފިއެވެ. ކަނޑުގެ ރާޅު ބޮޑުވާން ފަށައިފިއެވެ. ބޮޑު ކަޅުވިލާގަނޑެއް ނަގާ ބޯމަތި ވެއްޖެއެވެ. އަވަސް އަވަހަށް އިންޖީނު ސްޓާޓުކޮށްލީމެވެ. ވިލާގަނޑުގެ ކުރިން ރަށަށް ދެވޭތޯ ދުއްވާލީމެވެ. ނަމަވެސް ތަންކޮޅަކަށް ވެސް ނުދެވެނީސް އެ ވިލާގަނޑުގެ ވައި އަންނަން ފެށިއެވެ. ބޮލުގައި އަޅައިގެން އިން ތޮފިވެސް ހީވަނީ ދެންމެ ދެންމެ އުދުއްސައިގެންފާނެ ހެންނެވެ. ބޮއްކުރާ ކުރިއަށް ދުއްވޭގޮތެއް ނުވިއެވެ. ވަޔާއެކު ވާރޭ ވެސް ވެހެން ފެށިއެވެ. އިސާހިތަކު އަހަރެން ލައިގެން އިން އަތްދިގު ޓީޝާޓް ތެމި ފޯވެއްޖެއެވެ. އަދި މިވީހާ ތާކަށް މިކަހަލަ ގަދަ ކޮޅިގަނޑެއް އަހަންނަށް ތަޖުރިބާ ކޮށްލެވިފައި ވެސް ނުވާތީ ވަރަށް ބޮޑަށް ހިތް ބިރުގަނެއްޖެއެވެ. ދުލަށް އައިހާ ހެޔޮއެއްޗެއް ކިޔާލަކިޔާލާ އިނީ ލާން ގެންގުޅޭ ކޯޓުގަނޑުން މޫނު ނިވާކޮށްގެންނެވެ. ވަޔާއެކު އަންނަ ވާރެފެން ތިއްކެއްވެސް އައިސް މޫނުގައި ޖެހޭއިރު ހީވަނީ މީހަކު ދޫކޮށްލާ ރަބަރު އުންޑަތަކެއް އައިސްޖެހޭ ހެންނެވެ. ވިލާގަނޑު މަޑުވާނެ އިރެއްގެ އިންތިޒާރުގައި އިނުން ނޫންގޮތެއް ނެތެވެ. ހީކުރިވަރަށް ވުރެ ކޮޅިގަނޑުގެ ބާރު ގަދައެވެ. ދެންމެ ދެންމެ ހީވަނީ ބޮއްކުރާގަނޑާ އެކީ ބަންޑުން ޖަހާލަފާނެހެންނެވެ.
ތެމިފޯވެފައި ވުމުން ތުރުތުރުލާން ވެސް ފަށައިފިއެވެ. ރާޅުތައް ހީވަނީ އަހަރެންދެކެ ރުޅިއައިސް ރަތްވެގެން ބޮއްކުރަޔަށް ހަމަލާދޭން ތައްޔާރުވެގެން އުޅޭހެންނެވެ. މަންމަވެސް މިހާރު ކަންބޮޑުވެގެން އުޅޭނެކަން ޔަގީނެވެ. އެކަމަކު ކުރެވޭނެ އިތުރު ކަމެއްނެތެވެ. ހެއްދެވި ފަރާތްމަތިން ހަދާން ވަނީ މުސީބާތުގެ ވަގުތު ޖެހުނީމައެވެ. މިއަދުވެސް އަދި އެންމެ ނަމާދެއްވެސް ނުކޮށް އާދެވުނު ކަމާމެދު ދެރަވިއެވެ. ސަލާމަތް ކޮށްދެއްވާތޯ ދުއާކުރަން ފެށީމެވެ. މާގިނަ ވަގުތެއް ނުލިބުނެވެ. ބޮޑެތި ބިޔަ ރާޅުތަކުގެ ތެރޭގައި ކެތްކޮށްލެވޭވަރެއް އެ ކުޑަ ބޮއްކުރާގަނޑަކު ނެތެވެ. އިސާހިތަކު ތޮށިމައްޗަށް ބޮއްކުރާގަނޑު ބަންޑުންޖަހައިފިއެވެ. ލިބުނީ ކުއްލިސިހުމެކެވެ. ރާޅުގަނޑުގެ ތެރެޔަށް ގަށާލިއެވެ. ދަނީ ފެންމަތިން ބޯހިއްލޭފަހަރާއި ނޭވާލެވޭ ފަހަރާއެވެ. ވަރަށް ދިޔަވަރުވެސް ބޮޑެވެ. އޮއިވެސް ބާރެވެ. މިއީ އަހަރެންގެ ފަހު ވަގުތުކަމުގައި ހީކޮށްލީމެވެ. ހިތާހިތުން ޝަހާދަތް ކިޔަކިޔާ އޮއްވައި ރާޅުގަނޑުގެ ތެރޭގައި އެގޮތް މިގޮތަށް ތެޅެމުން ގާނަމުން ގެންދިޔައެވެ. ވަރަށް މަސައްކަތުން ބޯ ހިއްލުނު ވަގުތު ލަކުޑި ގަނޑެއްގައި އަތުން ހިފުނެވެ. ފެންމަތީ އޮވެވޭތޯ އޭގައި ބާރަށް ބައްދައިގެން އޮތީއެވެ. އެހެން އޮއްވައި ނެގި ރާޅަކާއެކު ބޮލުގައި ކޮންމެވެސް އެއްޗަކުން ޖެހި ހެޔަށް ގޮތްވެއްޖެއެވެ. ދެން ވީގޮތެއް ނޭގުނެވެ.
ހޭއެރީ މޫނަށް އަވިދޭން ފެށުމުންނެވެ. އިރުކޮޅަކު އެހެން އޮއްވައި ދެފަރާތުން ޖެހި ރާޅަކުން ތެންމާލައިފިއެވެ. އޮވެވުނު ތަނާމެދު ވިސްނާލަން ޖެހުނީ އެހެންވެގެންނެވެ. އޮވެވުނީ އަމިއްލަ އެނދުގައި ނޫންކަމާއި މޫދުގައި ކަން އެނގިއްޖެއެވެ. އެއީ ތަންކޮޅެއް މައްޗަށް ހިކިފައި އޮތް ބޮޑު ގަލެކެވެ. އަދި ކަންވީގޮތް ހަދާންވުމުން ތެޅިގެންފައި ތެދުވަން އުޅެވިއްޖެއެވެ. ނަމަވެސް ގައިގައި ހަންމެށިފައި ހުރި ތަންތަނާއި ބޮލަށާއި ފަޔަށް ލިބިފައި ހުރި އަނިޔާގެ ސަބަބުން އެހާފަސޭހައިން ތެދުވެވޭގޮތެއް ނުވިއެވެ. މަޑުމަޑުން ތެދުވެ ވަށައިގެންވާ މާހައުލަށް ބަލަން ފެށީމެވެ. ތަންކޮޅެއް ދުރުން ރިސޯޓެއްގެ މަލަމަތި ފެނެއެވެ. ސަލާމަތްވާނެކަމުގެ ކުޑަނަމަވެސް އުންމީދެއް ކުރެވުނީ އެހިސާބުންނެވެ. އެއްވެސް މީހަކަށް އަހަރެން ނުފެނިއްޖެއްޔާ އެތަނުގައި އެހެން އޮވެ މަރުވެދިޔަސް ނޭނގޭނެއެވެ. އިރުކޮޅަކު އެހެން ވިސްނަން އިންދާ އެއްޗެއްގެ އިންޖީނުގެ އަޑު އިވެން ފެށިއެވެ. ވަރަށް މަސައްކަތުން ކޮޅަށް ތެދުވެ ދެއަތް ހޫރުވައި ގައިގައި ނެތް ހަކަތަލައިގެން ހަޅޭއް ވެސް ލެވީމެވެ. އެއީ ކޯސްޓް ގާޑްގެ ލޯންޗަކަށްވެސް ވެދާނެއެވެ. އަހަރެން ނުފެނިގެން ދުއްވަނީކަންނޭގެއެވެ.
އެކަމަކު އޭގެން މީހަކަށް ވެސް އަހަންނެއް ނުފެނުނެވެ. ވީ މާޔޫސީގައި ދެއަތް އުރާލައިގެން އަނެއްކާވެސް އެތާ މަތީގައި އިށީނދެއިނީއެވެ. އަނެއްކާވެސް އިންޖީނުލީ އެއްޗެއް އަންނަ އަޑު އިވިއްޖެއެވެ. މިފަހަރު ތަންކޮޅެއް ކައިރިންނެވެ. އެޔަށް ގޮވާ ހަޅޭލަވަން ފެށުމުން ކޮންމެވެސް ގޮތަކުން އެމީހުންނަށް އެނގުންވެއްޖެއެވެ. އަހަރެން އިން ދިމާލަށް ދޯނި މިސްރާބުޖެހިއެވެ. ނަސީބެކެވެ. އެމީހުންނަށް ރަނގަޅަށްވެސް އަހަރެން ފެނިއްޖެއެވެ. ހެއްދެވި ފަރާތަށް ޝުކުރު ހުއްޓެވެ. ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. އެމީހުން ދޯނި ގާތްކުރާނެ އިރެއްގެ އިންތިޒާރުގައި އިންދައި ކުޑަ އިރުކޮޅަކުން އެމީހުން އައިސް އަހަރެން ދޯންޏަށް ނެގިއެވެ. އެމީހުން އަހަންނާ ސުވާލުކުރަން ފެށުމުން ކަންވީގޮތް ކިޔައިދިނީމެވެ. އަހަރެން އެމީހުންނަށް ޝުކުރުވެރިވީމެވެ. އެއީ އަހަރެންގެ އަތޮޅާ ޖެހިގެން އޮތް އަތޮޅުގެ މަސް ދޯންޏެކެވެ.
ވާހަކަ ދައްކަން އިންދާ މަޑުމަޑުން ވަށައިގެންވި މާހައުލު އަނދިރިވާން ފެށިއެވެ. ހޭވެރިކަންވީ އިރު އަހަރެން އޮތީ ހޮސްޕިޓަލުގެ އެނދެއްގައެވެ. ކައިރީގައި އަހަރެންގެ މަންމަޔާ ބައްޕަޔާ މީރާވެސް ހުއްޓެވެ. އެމީހުން ތިބީ އަހަރެން ލޯ ހުޅުވާލާނޭ އިރެއްގެ އިންތިޒާރުގައެވެ. މަންމަ އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. ބޯ އޮތީ ބެންޑޭޖްކޮށްފައެވެ. ފައިގެ ކަށިމަތީގަޔާއި އަތުގެ އެކިތަންތާގައި ބޭސްއަޅާފައެވެ. އަހަރެން ތެދުވެވޭތޯ މަސައްކަތް ކުރުމުން ބައްޕަ އެކަން މަނާކުރިއެވެ. އަހަރެން މިއޮތީ ކޮންތާކުތޯ ސުވާލުކުރުމުން ބައްޕަ ބުނީ އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ. އަހަރެންގެ ހާސްކަން ފިލިއެވެ. ދެ ހަފްތާ ފަހުން އަހަރެން ދޫކޮށްލިއެވެ. ކުރެވުނު ތަޖުރިބާގެ ސަބަބުން އަހަރެންގެ މިޒާޖަށް ބަދަލުތަކެއް އައެވެ. އެ ހާދިސާ ހިތަށް ވަނުމުން ގައިން ހީބިހި ނަގައެވެ.
އެންމެ ފަހުން ދިރިއުޅުމަށްވެސް އެކަމުގެ އަސަރުކުރަން ފެށިއެވެ. ގިނަވަގުތު ހިޔާލަކަށް ގެއްލިފައި އިނދެވެއެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ކާހިތް ކެނޑެއެވެ. މާޔޫސްވެ ބިރުގަނެއެވެ. ރައްޓެހިންނާއި ގާތް މީހުންގެ އެތަށް ނަސޭހަތެއްގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބެން ފެށިއެވެ. ސަލާމަތުން އަލުން އާ ހަޔާތެއް ދެއްވި ކަމަށްޓަކައި ހެއްދެވިފަރާތަށް ޝުކުރުކޮށް ކުރިއަށް ވުރެ ބޮޑަށް އަޅުކަމުގައި މަސްއޫލުވެ އުޅެން އަޒުމުކަނޑައެޅީމެވެ. އެހެންވެ މިސްކިތުގައި ގިނަ ވަގުތަކު އިންނަންފެށީމެވެ. ފަރުވާތެރިކަމާއެކު ނަމާދުތައް ކުރަން ފެށީމެވެ. އެގޮތުގައި ދުވަސްތައް ހޭދަކުރަން ފެށުމުން އަހަރެންގެ ނަފްސަށާއި ހިތަށް ހަމަ ޖެހުން ލިބެން ފެށިއެވެ. ކުރިން ކުރެވުނު ބޭކާރު ހިޔާލުތައް ފިލައި ހިތްހަމަ ޖެހިއްޖެއެވެ. ކުރެވުނު ބިރުވެރި ތަޖުރިބާގެ ސަބަބުން އަހަންނަށް ހެޔޮމަގު ވިސްނި ކުރިއަށް ވުރެ ރަނގަޅު ދިރިއުޅުމެއް އުޅެން މަގުފަހިވެގެން ހިގައްޖެއެވެ. އޭގެ ދެމަސް ފަހުން އަހަރެން މީރާޔާ ކައިވެނި ކުރީ އުފާވެރި ހަޔާތެއް ބިނާކުރުމުގެ ފޮނި އުންމީދުގައެވެ.
- ނިމުނީ -
ވަރަށް ރީތި ވާހަކައެއް