ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ކެމްޕޭން ތަގްރީރެއްގައި ދެއްކެވި ވާހަކައާ ގުޅިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހިންގަމުންދާ އަމަލުތައް އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށާއި، އެ މައްސަލަ ތަހްގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ގޮވާލާފިއެވެ.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ ވަހީދު، އެ ތަގްރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކުރައްވަނީ ދީނަށް ނުވަތަ ދީނީ ހުކުމަކަށް ނޫންކަމާއި، އެއާ ހިލާފަށް އޭނާގެ ވާހަކަ އަމާޒު ކުރެއްވީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަށް ކަމަށެވެ.
އެ ވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ އިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާ ކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރާ ކަމަށް އެބަޔާނުގައި ބުނެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ މީގެ ކުރިން ވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިއާ ޑރ. އަފްރާޝީމް އަލީ ވެސް ވަނީ އަނިޔާވެރި ގޮތެއްގައި އަވަހާރަކޮށްލާފަ ކަމަށެވެ.
ތަހްގީގުތަކުން ދައްކާގޮތުގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ ވެސް ދީނުގެ ނަމުގައި ހައްދު ފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ހަރަކާތްތަކެއްގެ ތެރެއިން ކަމަށް އެބަޔާނުގައި ބުނެއެވެ. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ރާއްޖޭގައި ގަތުލުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ވަހީދު ދެއްކި ވާހަކައެއްގެ ހަގީގަތް ގަސްދުގައި އޮޅުވާލާ ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި އަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. އަދި އެކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި އެފަދަ މައްސަލަތައް ވަގުތުން ތަހްގީގުކޮށް ފިޔަވަޅު އެޅުއްވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ވެސް ވަނީ ގޮވާލާފައެވެ.
ވަހީދު ރަށްވެހި ފަތިސް ކެމްޕެއިން ތެރޭގައި ދައްކަވާފައިވާ ވާހަކައެއް ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުުރުވިއިރު އެވީޑިއޯގައި ވަހީދު ވަނީ މަރަށްމަރު ހިފުމަކީ ވަރަށް ސިކު ބައެއް ކުރާނެ ކަމެއްކަމަށް ވިދާޅުވެފައެވެ.
މިއީ މުފުތީއެއްތޯ؟ ތިހެންވާނީ. ތަންދޮރު ނޭގޭ މީހުން ތިޔަކަހަލަ މަޤާމު ތަކަށް އައީމަ.