ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ހަފުތާ މާލީ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް 450.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ދޫކޮށްފައި ވަނީ 415.3 މިލިއަން ރުފިޔާއެވެ.

ބަޖެޓުން މި އަހަރު ހިލޭ އެހީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޭން ވަނީ ނިންމާފައެވެ.

ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި ބޮޑު އަދަދެއް ދީފައިވާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އެންމެ ފަހުން ސަރުކާރުން ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް މާލީ ގޮތުން ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.

އެގޮތުން ރަށުގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ހިދުމަތްތަކުން ލިބޭ އާމްދަނީ އެއްްކޮށް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. އަދި "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދޭ ގޮތުގައި ކައުންސިލްތަކަށް ޑޮމެސްޓިކް ރެވެނިއުގެ 5 ޕަސެންޓް ދައުލަތުގެ ބަޖެޓުން ދިނުން ހިމެނެއެވެ.

ކައުންސިލްތައް ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެހެންވުމުގެ ސަބަބުން ލޯކަލް ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދީ، މާލީ މިނިވަންކަން އަންނާނެ ގޮތަަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އޭގެތޭގައި ކުންފުނިތަކާއި ގުޅިގެން އަމިއްލައަށް ވިޔަފާރި ކުރުން ވެސް ހިމެނެއެވެ.