ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ 33،638 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވެކްސިން ޖެހުމުގެ ކެމްޕޭންގެ ދަށުން ޓޫރިޒަމް ސިނާއަތުގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ 33،638 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

އޭގެ ތެރެއިން 32886 މީހުންނަކީ ރިސޯޓްތަކުން ވެކްސިން ޖެހި މީހުންނެވެ. އަދި ގެސްޓްހައުސްތަކުން 306 މީހަކާއި ކަނޑުމަތީގެ އުޅަނދުތަކުގައި އުޅޭ މީހުންގެ ތެރެއިން 220 މީހަކު އަދި ހޮޓެލްތަކުން 70 މީހަކު ވެސް ވަނީ ވެކްސިން ޖަހާފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަންނުވެރިންގެ ތެރެއިން 64 މީހަކާއި ޓްރެވެލް އެޖެންސީތަކުން 24 މީހެއްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ 67 މުވައްޒަފުން ވެސް ވަނީ ވެކްސިން ޖަހާފައެވެ.

މި އަހަރު މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 345،261 ފަތުރުވެރިންނެވެ. އޭގެ ތެރެއިން 0.25 ޕަސަންޓް ފަތުރުވެރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށް އެ މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިންގެ ސާމްޕަލް ނަގަނީ

ކޮވިޑުން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ މިދިޔަ އަަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހެވެ. އެ ދުވަހުން ފެށިގެން ޑިސެމްބަރު 2020ގެ ނިޔަލަށް ރާއްޖެ އައި 169،964 ފަތުރުވެރިންގެ ތެރެއިން ޕޮޒިޓިވް ވީ 224 ފަތުރުވެރިންނެވެ. އެއީ އެ މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތުން ބަލާއިރު، 0.19 ޕަސަންޓް މީހުންނެވެ.

މިއަހަރު 345،261 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު، ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި މިދިޔަ އަހަރު 555،494 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި 2019 ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 1.7 މިލިއަނަށް އަރާފައެވެ.

އަންނަ އަހަރަކީ ފަތުރުވެރިކަމުގެ ރަން އަހަރުގެ ގޮތުގައި ފާހަގަ ކުރުމަށް ނިންމާފައިވާ އިރު ޓުރުޒަމް މިނިސްޓްރީން އަންނަނީ ފަތުރުވެރިކަން ފުލާ ކުރުމަށް އެކިއެކި ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ. އަދި ކޮވިޑްގެ މި ހާލަތުގައި ޓޫރިޒަމް ހުޅުވާލައިގެން ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި ޒިޔާރަތްކުރާ ފަތުރުވެރިން ގިނަ ކުރުމަށް އެކި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން / ފޮޓޯ: ވެލާނާ އެއާޕޯޓް

އެގޮތުން ކޮވިޑްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި "ތްރީ ވީ" ސްޓްރެޓަޖީގެ ދަށުން "ވިޒިޓް، ވެކްސިނޭޓް އެންޑް ވެކޭޝަން" އާ އެކު ފަތުރުވެރިންނަށް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން ރާއްޖެއިން ވެކްސިން ޖެހޭނެ އިންތިޒާމު ވެސް ހަމަޖެހޭނެ ކަމަށް ތޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. އަދި އެ ޕްރޮގްރާމް ކުރިއަށް ދަނީ ރާއްޖޭގެ މުޅި އާބާދީއަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދީ ނިމުމުން ކަމަށް ވެސް މައުސޫމް ވިދާލުވެފައި ވެއެވެ.