ޕޮލިސް ކޮމިޝަނަރު (ސީޕީ) މުހައްމަދު ހަމީދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި "ޕޮލިސް ބޯޑް" ގެ މެންބަރުންނާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުން މިއަދު ކުރިއަށް ގޮސްފައިވާއިރު އެ ބައްދަލުވުމުގައި ސީޕީ ހަމީދު ބައިވެރިވެ ވަޑައިގެންފައި ވަނީ ވާޗުއަލް ކޮށެވެ. އެކަން ހާމަ ކުރައްވަމުން ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންފައި ވަނީ އޭނާ ކޮވިޑަށް ޕޮޒުިޓިވްވެފައި ވާތީ ކަމަށާއި މިވަގުތު އޭނާ ހުންނެވީ އައިސޮލޭޝަންގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ޕޮލިސް ބޯޑުގެ 7 މެންބަރުންނަށް ސީޕީ ހަމީދު މަރުހަބާ ވިދާޅުވިއެވެ. އަދި ފުލުހުންގެ އިދާރާގެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާކޮށް އެ އިދާރާ ޒިންމާދާރު ކުރުވުމުގައި ޕޮލިސް ބޯޑުގެ މުހިންމު ކަން ފުލުހުންގެ އިދާރާއަށް އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕޮލިސް ބޯޑުގައި ހިމެނޭ މެންބަރުން:

  1. އަހްމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
  2. އައިޝަތު ނޫރާ މުހައްމަދު، ހ. ނޫމުތީ
  3. އަލީ ފާއިޒު، މއ. މަނާގެ
  4. އަހްމަދު ނާޝިދު، މއ. ގޯލްޑަންމޫން
  5. އާދަމް އިބްރާހީމް، ގ. ޑިމްލައިޓް
  6. ހާމިދު އަބްދުލްޣަފޫރު، ހ. ޝޭޑީކޯނާ
  7. ސަފާ ޝަރީފް، ދެތަޑިމާގެ / ސ. ހުޅުދޫ

ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވާ 7 މެންބަރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ސީޕީ ހަމީދު ވާޗުއަލްކޮށް ބައިވެރިވެފައި ވީ ނަމަވެސް އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސިޕީ ހަމީދު ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީންގައި ހުންނެވި ކަމަށް ވިދާޅުވި ނަމަވެސް އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ކީއްވެ ކަމާއި އަދި ކޮން އިރަކު ކަން ހާމައެއް ނުކުރައްވައެވެ.