ގާނޫނު ނަންބަރު 2006/3( ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 4 ވަނަ ބާބުގެ ދަށުން، 2022 އިން 2024 ވަނަ އަހަރަށް ލަފާ ކުރާ މެދުރާސްތާގެ ބަޖެޓު އެކުލަވާލުމަށް ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ރާވައިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫތައް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، 2022 އިން 2024 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓަކީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ޕްރޮގްރާމް ބަޖެޓެއް ކަމަށެވެ. އެގޮތުން ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ރާވައިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫތައް އެކުލަވާލާ އަދި ދައުލަތަގެ އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންކަން ހުށަހެޅުން ހިމެނެއެވެ.

ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ރާވައިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫތަކުގެ ތެރޭގައި ހުށަހަޅާނީ ބަޖެޓުގައި ހިމެނުމަށް ބޭނުންވާ އާ ކަންތައްތަކާއި ބަޖެޓުން އިތުރަށް ޖާގަ ބޭނުންވާތީ ހުށަހަޅާ ކަންތައްތައް ކަމަށް ފިނޭންސުން ބުނެއެވެ. އެގޮތުން ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި މަޝްރޫތަކުގެ ގޮތުގައި ހުށަހަޅާ ކަންކަން ބަޖެޓުގައި ހިމެނުމާ މެދު ގޮތެއް ނިންމާނީ ފިނޭންސް މިނިސްޓްރީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު ދައުލަތުގެ އޮފީސްތަކުން ހަރަދުތައް ހަމަޖެއްސުމަށާއި އާމްދަނީގެ ޕޮލިސީ މެދުވެރިކޮށް ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް މަސްއޫލުވެ ޒިންމާވާ އޮފީހުގެ ދާއިރާގެ ތެރެއިން، މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކާއި އާމްދަނީގެ ޕޮލިސީއަށް ގެންނަން ހުށަހަޅާ ބަދަލުތައް ދެނެގަނެ، މި ފަދަ ގޮތްތައް ހުށަހެޅުމަށް އެ މިނިސްޓްރީން ބުނެއެވެ.

2022 އިން 2024 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ ނިއު ޕޮލިސީ އިނިޝިއޭޓިވްސް ހުށަހަޅާނީ ވެބްސައިޓް މެދުވެރިކޮށެވެ. ދައުލަތަގެ އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންކަން ހުށަހަޅާނީ އީމެއިލް މެދުވެރިކޮށެވެ. އަދި މި ތަކެތި އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން ބަޖެޓު ތައްޔާރު ކުރުމުގެ އެހެން މަރުހަލާތައް ފަސޭހަ ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ދައުލަތުގެ ބަޖެޓުން 2021 ވަނަ އަހަރު ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގައި ހިމެނޭ މަޝްރޫތަކުގެ ތެރެއިން، އައިލްސް ޕޯޓަލް އާއި ބަނޑޭރި ޕީ.އެސް.އައި.ޕީ ޕޯޓަލުގައި މައުލޫމާތު ފުރިހަމަ ނުކޮށް ހުރި މަޝްރޫތަކުގެ މައުލޫމާތު އަންނަ މަހުގެ 15 ދުވަހުގެ ކުރިން ފުރިހަމަ ކުރުމަށް ފިނޭނސް މިނިސްޓްރީން ބުނެއެވެ. އަދި ޕީއެސް.އައި.ޕީ މަޝްރޫއުތަކަށް ބަޖެޓްކުރުމުގައި އެ މައުލޫމާތު ބޭނުން ކުރާނެ ކަމަށް ވެސް ފިނޭންސުން ބުނެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ލޯކަލް ކައުންސިލްތައް މި ސާކިއުލާއަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ފިނޭންސުން ބުނެއެވެ.