އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު ކޯޅިޝަންގެ ލީޑަރުން ގޮވާލައްވައިފިއެވެ.
ރައީސް ޔާމީން ހައްޔަރުކޮށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށާއި އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަންގެ އިސްވެރިން ގޮވާލާފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ޕީޕީއެމް އޮފީސް ދޮރުމަތީ ބޭއްވި ހަފްލާގައެވެ.
މީގެ ކުރިން ވެސް އިދިކޮޅުން އަންނަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އިންތިހާބުން ލިބުނު ކާމިޔާ ފާހަގަ ކުރަމުން، ރައްޔިތުންގެ ބަހަކީ ރައީސް ޔާމީންގެ ސިޔާސަތު ކަމަށް އިދިކޮޅުން ބުނެއެވެ. އަދި މިހާރު ރާއްޖޭގެ ރައްޔިތުން ބަސް އިއްވައިފި ކަމަށާއި ރައްޔިތުން ބޭނުން ވަނީ ޕީޕީއެމް ކަން ހާމަވެއްޖެ ކަމަށް ވެސް ޕީޕީއެމް ގެ ލީޑަރުން ވިދާޅުވެއެވެ.
އެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބުން މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވަނީ ޕީޕީއެމްއަށް ވޯޓު ދިން އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ އަދި ޕީޕީއެމް ޓީކެޓުގައި ވާދަކޮށް ކާމިޔާބީ ހޯދި އެންމެންނަށް މަރުހަބާ ދަންނަވާފައެވެ. މުއިއްޒު ވިދާޅުވީ ރައްޔިތުން އެދޭ ބަދަލު ގެނެސްދެއްވާނެ ކަމަށާއި މާލޭގެ ރައްޔިތުންގެ އުންމީދުތައް ފުނޑުފުނޑުކޮށް ނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރޭގެ އެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އެމްޑީޕީން ބައެއް ވޯޓު ފޮށިތައް އަލުން ގުނަން އެދިފައިވާތީ އެ ކަމަށް ރައްދު ދެއްވާފައެވެ. ޝިޔާމް ވިދާޅުވީ އަލުން ވޯޓު ފޮށިތައް ގުނައި ވޯޓު އޮޅުވާލަން މަސައްކަތް ނުކުރުމަށެވެ. އަދި މިއޮތީ (ވޯޓުގެ ނަތީޖާ) ރައްޔިތުންގެ ބަސް ވަރަށް ސާފުކޮށް ފެންނަން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ވޯޓު އަލުން ގުނައި ދިނުމަށް އެދުނު ދާއިރާ ތަކަކީ މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މައްޗަންގޯޅި އުތުރު އަދި މާފަންނު އުތުރު ދާއިރާއެވެ.
މާލެ ސިޓީގެ 13 ގޮނޑިއެއް ޕީޕީއެމުން ކާމިޔާބު ކޮށްފައިވާ އިރު އެމްޑީޕީން ވަނީ މާލެ ސިޓީން 5 ގޮނޑި ކާމިޔާބު ކޮށްފައެވެ. އަދި ޖޭޕީން ވަނީ އެއް ގޮނޑި ކާމިޔާބު ކޮށްފައެވެ.