މާޗް 15 ގެ ފަހުން ވޭމަންޑޫގައި އުޅުމަށް ފަހު އެހެން ރަށަކަށް ދަތުރު ކުރި މީހުން ކަރަންޓީން ވާން އަންގައިފިއެވެ.

އެޗްޕީއޭ އިން ބުނީ، ތ. ވޭމަންޑޫން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، މާޗް 15 ވަނަ ދުވަހުގެ ފަހުން ތ. ވޭމަންޑޫގައި އުޅުމަށް ފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއް ވާ ނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެދޭ ކަމަށެވެ. އަދި މާޗް 15 ގެ ފަހުން ތ. ވޭމަންޑުއަށް ގޮސްފައިވާ ފަރާތެއްވާ ނަމަ، ތ. ވޭމަންޑޫން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ހަމައެއާއެކު 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ސާމްޕަލް ނަގަައި ޓެސްޓްކުރަން ވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެ ފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މާޗް 15 ގެ ފަހުން ވޭމަންޑޫން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެ އެޖެންސީން އިލްތިމާސް ކުރެއެވެ. އަދި ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ވޭމަންޑޫން އަނބުރާ މާލެ އައި ފަރާތްތައް ވެސް މާލެ އައި ދުވަހުން ފެށިގެން 10 ދުވަސްވަން ދެން ކަރަންޓީނުގައި ތިބުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676 އަށް ހިއްސާ ކުރުމަށް އެޗްޕީއޭއިން ބުނެއެވެ. އަދި 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ސާމްޕަލްއެއް ނަގަައި ޓެސްޓްކުރަން ވާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

ވޭމަންޑޫން ދަތުރު ކުރި މީހުން ކަރަންޓިން ވުމަށް އެޗްޕީއޭއިން އަންގާފައި މިވަނީ މިއަދު އެ އަތޮޅު ކިނބިދޫ މޮނިޓަރިން ހާލަތަށް ބަދަލު ކުރުމާއެކުއެވެ. ކިނބިދޫ މޮނިޓަރިންއަށް ބަދަލު ކުރީ އެ ރަށުން 4 މީހަކު ޕޮޒިޓިވް ވުމާ އެކުއެވެ. އޭގެތެރެއިން 3 މީހުންނަކީ ކޮވިޑްގެ އަލާމާތް ހުރެގެން ޓެސްޓު ކުރި މީހުން ކަމަށާއި އަދި އެކަކަކީ ވޭމަންޑޫން އެރަށަށް ދަތުރު ކުރި މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކިނިބިދޫ މޮނިޓަރިން ހާލަތަށް ބަދަލު ކުރުމުން މިހާރު ޖުމްލަ 11 ރަށެއް ވަނީ މޮނިޓަރުންގެ ހާލަތުގައެވެ. އެއީ ކިނިބިދޫގެ އިތުރުން ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ޅ. ފެލިވަރު، ޅ. އޮޅުވެލިފުށި، ޅ. ކުރެންދޫ، އދ. މާމިގިލި، ތ. ވިލުފުށި އަދި ތ. ވޭމަންޑޫ އެވެ.