އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ހާމާކޮށްފައި ވާއިރު މާލެ ސިޓީގެ 4 ދަޢިރާއެއްގެ ވޯޓު އަލުން ގުނައި ދިނުމަށް އެމްޑީޕީން އެދިއްޖެއެވެ.

މިއަދު މެންދުރު ފަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމްޑީޕީން އަލުން ގުނައި ދިނުމަށް އެދޭ 4 ދާއިރާއަކީ ޓީ.3، ޓީ.4، ޓީ.10 އަދި ޓީ.15 ކަމަށެވެ. އޭގެ ތެރެއިން ޓީ.3ގެ ގޮނޑީގައި އިދިކޮޅު ފަރާތްތަކާއި ޕީޕީއެމާއި އެމްޑީޕީގެ މެދުގައި އޮތީ ވަރަށް ކުޑަ ތަފާތެއް ކަމަށާއި، ދެން އަލުން ގުނައި ދިނުމަށް އެމްޑީޕީން އެދިފައިވާ ދާއިރާތަކުގައި ވެސް އެމްޑީޕީއާ ވާދަވެރިންގެ މެދުގައި އޮތް ތަފާތު ވެސް ވަރަށް ކުޑަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ވޯޓު އަލުން ގުނައި ދިނުމަށް އެދުނު ދާއިރާ ތަކަކީ މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މައްޗަންގޯޅި އުތުރު އަދި މާފަންނު އުތުރު ދާއިރާއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރާނީ މާލެ ސިޓީ ކައުންސިލް ހަރުދަ ނާކޮށް، ލާމަރުކަޒީ އުސޫލުން ހަރުދަނާ ކޮށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި މިވަގުތު މާލެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އެޕާޓީއަށް ނެތް ކަމަށާއި އަގުލަބިއްޔަތު ލިބޭ ޕާޓީއެއް ސާފުވާން ދެތިން ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުން މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އިންތިހާބުން ކާމިޔާބު ހޯއްދެވި އެހެން ކެންޑިޑޭޓުންނަށް ވެސް ނަޝީދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މާލެ ސިޓީގެ 4 ފޮއްޓެއް އަލުން ގުނައި ދިނުމަށް އެމްޑީޕީން އެދިފައި ވާއިރު އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލުން ލިބުނީ 5 ގޮނޑިއެވެ.