ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައިވާ ސޫރިޔާގެ ވެރިރަށް ދިމިޝްކުގެ ބައިބޯ ބާޒާރު ސަރަހައްދުގައި، އުމުރުން 53 އަހަރުގެ އިސްހާގު ކްރިމިދު ލަވައަޅުވާލާފައި ހުރެ، އޭނާގެ ކަސްޓަމަރުންނަށް ހެލެނބެލި ޖޫސް އަޅައިދެމުން ދިޔައެވެ. އިސްހާގު ހުރީ، ކުރިއަށް މި އޮތް، ބަރަކާތްތެރި ރޯދަ މަހަށް ވަރަށް ފުރިހަމައަށް ތައްޔާރު ވެގެންނެވެ. އޭނާގެ ބުރަކަށީގައި އަޅުވާފައިވާ، ރީތި ކުރައިންވެސް އެކަން އަންގައިދެއެވެ.

އިސްހާގަކީ ދިމިޝްކުގެ މަގުތަކަށް މަޝްހޫރު ވިޔަފާރިވެރިއެކެވެ. އަހަރުގެ އެހެން ދުވަސްވަރާ އަޅާ ބަލާއިރު، ރޯދަމަހު އިސްހާގަށް ލިބޭ ކަސްޓަމަރުންގެ އަދަދު ގިނައެވެ. އެހެނީ، ރޯދަ ވީއްލުމަށްޓަކައި، ގިނަ ބަޔަކަށް ހެލެނބެލި ޖޫސް މީރުވުން ކަމަށް އިސްހާގު ބުނެއެވެ.

ސޫރިޔާގެ ދިމިޝްކުގައި ހެލެނބެލި ޖޫސް ވިއްކާ އިސްހާގު / ފޮޓޯ: ނިއު އަރަބް

އިސްހާގު ބުނާ ގޮތުގައި އޭނާގެ މައިގަނޑު މަސައްކަތަކީ ކަސްޓަމަރުން އުފާ ކޮށްދިނުމެވެ. ކަސްޓަމަރުންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދިނުމެވެ. ހާސްކަމުގެ ތެރޭގައި އެނާއާ ބައްދަލުކުރާ ކަސްޓަމަރުގެ މޫނުމައްޗަށް އުޖާލާ ކަން ގެނެސްދިނުމަށް އިސްހާގު މަސައްކަތް ކުރެއެވެ. އެކަމުގެ ސަބަބުން އޭނާއަށްވެސް އުފާ އިހުސާސް ވާ ކަމަށް، 16 ދަރިންގެ ބައްޕަ، އިސްހާގު ބުނެއެވެ.

ކަސްޓަމަރުންނާ މެދު އިސްހާގު ބަހައްޓާ ގާތް ކަމުގެ ނަތީޖާއެއްގެ ގޮތުން، އޭނާ އަތުން ޖޫސް ގަންނަ ގިނަ ކަސްޓަމަރުން، އިސްހާގާއެކު ސެލްފީވެސް ނަގައެވެ. ކަސްޓަމަރުންނަށް ޖޫސް އަޅާ ދިނުމަށްވެސް އިސްހާގު ގެންގުޅެނީ އާދަޔާ ހިލާފު އުކުޅުތަކެކެވެ. މި މަންޒަރު ބަލަން ކަސްޓަމަރުން ތިބޭއިރު، އެމީހުންނަށް އޭނާ ލަވަވެސް ކިޔައިދެއެވެ.

އިސްހާގު މި ވިޔަފާރި ކުރަމުން އަންނަތާ 40 އަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ. ދިގުލާ ގޮސްފައި ވާ ހަނގުރާމައިގެ ސަބަބުން، އިގުތިސޯދު އިނދަޖެހުމުގެ އަސަރު، އޭނާގެ ވިޔަފާރިއަށްވެސް ފޯރާ ކަމަށް އިސްހާގު ބުނެއެވެ.

ސޫރިޔާގެ ދިމިޝްކުގައި ހެލެނބެލި ޖޫސް ވިއްކާ އިސްހާގު / ފޮޓޯ: އަރަބް ނިއުސް

ސޫރިޔާގެ އާބާދީގެ ބޮޑު ބައެއް މިހާރު ދިރިއުޅެމުން އަންނަނީ އިންތިހާ ފަގީރު ކަމުގެ ތެރޭގައެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު، ލޮކްޑައުންގެ ތަކުލީފުތައްވެސް ސޫރިޔާގެ ރައްޔިތުން އުފުލިއެވެ.

އިސްހާގު ބުނާ ގޮތުގައި، ފާއިތުވީ 3 އަހަރެއްހާ ދުވަހުގެ ރޯދަ މަހަކީ، ތަފާތު މަސްތަކެކެވެ. މައިގަނޑު ސަބަބަކީ، މާލީ ތަނަވަސްކަން ނެތުމުގެ ކަންބޮޑުވުމެވެ.

ސޫރިޔާގެ ސަރުކާރުން ބުނާ ގޮތުގައި އެ ގައުމަށް މާލީ ހީނަރުކަން ކުރިމަތިވީ، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އިގުތިސޯދީ ހީނަރުކަމާ، ކޮވިޑްގެ ނުރައްކަލުގެ އިތުރުން އަވަށްޓެރި ލުބްނާނުގެ މާލީ ކާރިސާގެ އަސަރުވެސް ސޫރިޔާއަށް ފޯރައެވެ.

މިކަމުގެ އަސަރު އިސްހާގަށްވެސް ފޯރައެވެ. ހެލެނބެއްޔާއި ހަކުރުގެ އަގު އުފުލެމުންދާއިރު، ކަރުތެންމާލާނެ ލުއިބުމަކަށް އިންސާފުކޮށްލާނެ ފައިސާ ފޮއްޗެއް ނެތް މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އިސްހާގަށް ގެއްލެނީ ކަސްޓަމަރުންނެވެ. ނަމަވެސް، ލުއިބުއިމަކަށް އިންސާފު ކުރުމުގެ ކުރިން، ޒަރޫރީ ކާބޯތަކެތި ހަމަކުރަން ޖެހޭނެކަން، ޚުދު އިސްހާގުވެސް ގަބޫލު ކުރެއެވެ.