ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި އޮޕަރޭޓްކުރާ ބޯޓުދެލި ނަގާ މައިނެއްގެ ތެރޭގައި ތާށިވި 21 މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ޝީންޖިއާންގްގެ ހުތުބީ ކައުންޓީގެ ފެންގްޔުއާން މައިންގައި މިމީހުން ތާށިވީ، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. ފެންބޮޑުވުމުގެ ހާދިސާއަކާ ގުޅިގެން މައިން ތެރޭގައި މި މީހުން ތާށިވީ، މަސައްކަތް ކުރާ ސައިޓް، އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަނި ކޮށް ކަމަށް ހަބަރު ލިބެއެވެ.

ފެންބޮޑުވުމުގެ ސަބަބުން މައިންއިން ކަރަންޓު ކެނޑު، މުއާސަލާތީ ހިދުމަތްތަކަށް ބުރޫ އެރި ނަމަވެސް، މައިންގައި ތާށިވި ޖުމުލަ 29 މީހުންގެ ތެރެއިން 8 މީހަކު ވަނީ ސަލާމަތް ކޮށްފައެވެ. ބާކީ ތިބި 21 މީހުންގެ ތެރެއިން 12 މީހުން ތިބި ތަންތަން، ރެސްކިއު ޓީމުތަކުން މިހާރު ވަނީ ދެނެގަނެފައެވެ.

މި ފަހަކަށް އައިސް ޗައިނާގެ މައިންތަކުގައި ހިނގާ މިފަދަ ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ. މިކަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ، ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަށް ފަރުވާ ކުޑުކުރުމެވެ.