މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި، ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން މިއަދު ކެމްޕޭން ކުރި ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކޮށްފިއެވެ.
އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ކައުންސިލު މެންބަރު އަަހުމަދު ސިއްދީގު ވިދާޅުވީ މިއަދު ވޯޓުލުން ކުރިއަށް ދިޔައިރު އެމްޑީޕީގެ މެންބަރުން ކެމްޕޭން ކުރި ކަމަށާއި ނަމަވެސް އެކަމަށް އިލެކްޝަން ކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ އިސް ބޭފުޅުން ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން ނުސީދާ ގޮތެއްގައި މިއަދުވެސް ކެމްޕެއިން ކުރެއްވި ކަމަށާއި އޭގެތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ކަމަށެވެ.
އިދިކޮޅުން އެފަދަ ތުހުމަތެއް ކޮށްފައި ވަނީ މިއަދު ހެނދުނު 7 ޖެހިއިރު ވޯޓުލުން ފެށުނު ފަހުން ރައީސް ނަޝީދު މާލޭގައި ވޯޓުލުން ކުރިއަށްދާ ބައެއް މަރުކަޒުތަކަށް ވަޑައިގެން ވޯޓުލުން ކުރިއަށް ދާގޮތް ބައްލަވާ ލެއްވުމާއި ގުޅިގެންނެވެ. އަދި ބައެއް މަރުކަޒުތަކަށް ވަޑައިގެން މީހުންނާއި ވާހަކަ ދެއްކުމުން އެމަނިކުފާނު ކެމްޕެއިން ކުރައްވަނީ ކަމަށް ތުހުމަތު ކުރައްވައި ބައެއް ފަރާތްތަކުގެ ފާޑުކިޔުންވެސް ނަޝީދަށް އަމާޒުވިއެވެ.