ރާއްޖޭގައި ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް 16 ރަށެއް ބީލަމަށް ހުޅުވާލައިފިއެވެ.
ޓޫރިޒަމް އިން ކުރި އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރިލް 29، 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ޖޫން 10، 2021 ވާ ބުރާސްފަތި ދުވަހު 10:00 އަށް އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އެދޭ ކަމަށެވެ.
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި އޭޕްރިލް 28، 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ފަތުރުވެރިކަމަށް ހުޅުވާލި ރަށްތައް:
- ހއ. ވެލިފިނޮޅު
- ހއ. އަލިދުއްފަރު ފިނޮޅު
- ހދ. ކުޑަފަރު ފަސްގަނޑު
- މ. ސީދީ ހުރާ / މ. ސީދީ ހުރާ ވެލިގަނޑު، ސީދީހުރާ އާއެކު
- މ. މާއުފުށި
- ތ. ކާއްޑޫ
- ތ. ކަނިމީދޫ (އުތުރުން 10 ހެކްޓަރު)
- ތ. އޮޅުފުށި / އޮޅުފުށި ފިނޮޅު (އޮޅުފުއްޓާއެކު)
- ލ. ކަށިދޫ
- ލ. ބޮޑުމުންޏަފުށި
- ލ. ދޮންބެރެހާ / ހޮޅުރަހާ (ދޮންބެރެހާ އާއެކު)
- ގއ. މާރެހާ
- ގއ. ފުނަދޫވިލިގިއްލާ
- ގދ.ކަނޑަހަލަގަލާ
- ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) / ދިގުރެހާ
- ގދ. ފެރޭތަވިލިގެއްލާ (ގިނަ ރަށްތަކެއް ހިމެނޭހެން) / ދެކާންބާ (ފެރޭތަވިލިގެއްލާ އާއެކު) / ކޮޑެރެޓާ (ފެރޭތަވިލިގެއްލާ އާއެކު) / ފެރޭތަ ވިލިގެއްލާ ކައިރީ އޮންނަ 2.9 ހެކްޓަރުގެ ކުޑަ ރަށެއް ފެރޭތަ ވިލިގެެއްލާ އާއެކު
މިނިސްޓްރީން ބުނީ އެ ބީލަމާ ގުޅޭ ފޮތް އޭޕްރިލް 14، 2021 ވާ ބުދަ ދުވަހުން ފެށިގެން ޖޫން 06، 2021 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:30 އާ ދެމެދު މިނިސްޓްރީން ލިބެން ހުންނާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އިއުލާނާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ ޖޫން 6، 2021 ވާ އާދީއްތަ ދުވަހުގެ 01:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އަށް އީމެއިލް ކޮށްގެން ސާފުކުރަން އެދޭ ކަމަށެވެ.