ކޮވިޑް -19 އާ ގުޅިގެން ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާ ފަރާތްތައް، ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވޯޓުލާން ދިއުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ކަރަންޓީން ކޮށްފައިވާ ނުވަތަ އެކަހެރިކޮށްފަައިވާ މީހުން ވޯޓްލުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތުގައި "ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތިން ވޯޓްލާން ދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ކަރަންޓީނުގައި ތިބި މީހުން ވޯޓުލާންދާއިރު ސަމާލުކަން ދޭންވީ ކަންތައްތައް:

  • އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ވޯޓުލާ މަރުކަޒުތަކަށް ދިޔުން.
  • ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން ތިބުމާއި، ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން.
  • ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުން.
  • ޕަބްލިކް ޓްރާންސްޕޯޓް (ބަސް، ފެރީ، ޓެކްސީ ފަދަ ތަކެތި) ބޭނުން ނުކުރުން.
  • ވޯޓު ލާން ދިޔުމާއި އެނބުރި ގެޔަށް އައުމާ ދެމެދު މީހުންނާ ބައްދަލު ނުކުރުން.
  • ވޯޓުލުމަށްފަހު، ކަރަންޓީނު ގައި ނުވަތަ އެކަހެރިކުރެވިފައި ހުރި ތަނަށް ވަގުތުން އެނބުރި ދިޔުން.

ކަރަންޓީނުގައި ތިބި މީހުން ވޯޓު ލުމަށް އިލެކްޝަންސް ކޮމިޝަން އިން ވަކި ގަޑިއެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެމީހުންނަށް ވޯޓު ލެވޭނީ ހޮނިހިރު ދުވަހުގެ ހަވީރު 5ން 6 އަށެވެ. އަދި އެމީހުންނަށް ވޯޓުލެވޭނީ، އެހެން މީހުން ވޯޓުލާ ނިމުމުންނެވެ.

ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓު ލާން ދެވޭނެ ހުއްދަ ދީފައިވާއިރު، އެޗްޕީއޭއިން ވަނީ ވޯޓުލާން ރަށްރަށަށް ދެވޭނެ ހުއްދަ ވެސް ދީފައެވެ.