ދައުރުގެ ނިޔަލަށް މީހުން އުޅޭ ހުރިހާ ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަމާޒު ހިއްޕަވައިފިއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވެފައި ވަނީ މިރޭ، އއ. ރަސްދޫގައި ބޭއްވި 'ރަށްވެހި ފަތިސް' ލާމަރުކަޒީ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ރަށްރަށާއި، އަތޮޅުތަކާއި، ސިޓީތަކުގެ ނިންމުންތައް ތަންފީޒުކުރުމުގެ އިހްތިޔާރު އަދި އަމިއްލަ ބަޖެޓާއި މާލީ މުއާމަލާތުން އާމްދަނީ އުފެއްދޭނެ ފުރުސަތު ކައުންސިލްތަކަށް ހުޅުވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ތަރައްގީއާއި ކުރިއެރުމަކީ ޓީމެއްގެ ގޮތުގައި ތިބެގެން ނޫނީ ހޯދޭނެ އެއްޗެއް ނޫންކަމުގައި ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ ދައްކަވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ކޮންމެވެސް އެއް މަރުހަލާއެއް ކުރިޔަށްދާ ކަމަށާއި، އަމާޒަކީ މި ވެރިކަމުގެ ދައުރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމުން އަތްޕުޅު ދޫކޮށްލެއްވުން ކަމަށެވެ.
ރާއްޖޭގެ ސިއްހީ ނިޒާމަށް އަލިއަޅުއްވާ ލައްވަމުން ރައީސް ވިދާޅުވީ އެ މީހަކު ދިރިއުޅޭ ސަރަހައްދަކުން ފަސޭހަކަމާއެކު ފަރުވާލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ވީހާގާތުން، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒުކަމަށާއި، ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ 5 ހޮސްޕިޓަލެއް ތަރައްގީ ކުރަމުންދާ ކަމަށެވެ.
އެގޮތުން، އެ 5 ހޮސްޕިޓަލަށް ބޭނުންވާނެ އިންފްރާސްޓްރަކްޗާ ގާއިމްކޮށް، އިކުއިޕްމަންޓާއި، އިންސާނީ ވަސީލަތް ބިނާކުރުން ބާރަށް އެބަހިނގާ ކަމަށާއި، އެ ހޮސްޕިޓަލްތައް ހިންގާނީ ލާމަރުކަޒީ އުސޫލުން ވަކި ބޯޑެއްގެ ދަށުން ކަމުގައި ރައީސް ވަނީ ހާމަކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވިގޮތުގައި ފުރަމާލެ ފުރަބަންދު ވުމުން ރާއްޖެ ހިފެހެއްޓީ އެ ހޮސްޕިޓަލް ތަކުން ކަމަށާއި 2020 ވަނަ އަހަރު ކޮވިޑްގެ ތެރޭގައި އެ 5 ހޮސްޕިޓަލުގެ އޯޕީޑީއިން އެކަނިވެސް ޖުމްލަ 392،533 މީހުން ބަލާ ފަރުވާދީފައި ވެއެވެ.
ރައީސް ވަނީ ރަށްވެހި ފަތިހާ އެކު އުދަރެހަށް ދޮންވާ އެހެން ފަތިހެއް އެބަ ފެނިވަޑައިގަންނާ ކަމުގައި ވިދާޅުވެ، ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ދެމުންދާ ވެކްސިންގެ ސަބަބުން އާންމު ހާލަތަށް ރުޖޫއަވުމުގެ އުންމީދު އާވެފައިވާ ކަމަށް ވިދާޅުވެފައެވެ.