ކުރިއަށް އޮތް ރޯދަ މަހު ފެމިލީ ކޯޓުން ކައިވަނި ކޮށްދޭނެ ގަޑިތައް އާންމުކޮށްފިއެވެ.

ފެމިލީ ކޯޓުން ބުނީ މިއަހަރުގެ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމިލީ ކޯޓުން ކާވަނިކޮށްދެން ހަމަޖެހިފާވަނީ، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ފެމިލީ ކޯޓުގައި ކަމަށެވެ.

މި އަހަރުގެ ހުރިހާ ދުވަހެއްގައި ކާވަނި ކޮށްދޭނެ ކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ.

އެގޮތުން މި އަހަރު ފެމިލީ ކޯޓުގައި ކާވަނި ކޮށްދެނީ ކޯޓުގެ ރަސްމީ ގަޑީގައި، ހެނދުނު 8:30 އިން 11:30 އަށެވެ. އަދި މެންދުރު 1:00 އިން 1:45 އަށެވެ. އަދި ނުރަސްމީ ގަޑީގައި ކޯޓު ތެރޭގައި ކައިވެނި ކޮށްދެނީ ހަވީރު 4:00 އިން ރޭގަނޑު 9:30 އަށެވެ.

އެ ކޯޓުން ބުނީ އާންމު އުސޫލުން ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ހަވީރު 4:00 އިން ރޭނގަނޑު 9:30 އަށް ކަމަށެވެ. ނަމަވެސް ވަކި ދުވަސްތަކެއްގައި ކައިވެނި ކޮށްދޭ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، އޭޕްރީލް 13 އިން މޭ 19 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 9:45 އިން 10:45 އަށެވެ.

އަދި ޖުލައި 16 އިން ޖުލައި 27 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 8:00 އިން 9:30 އަށެވެ. ޖުލައި 16 އަކީ އަރަފާތް ދުވަސް އައުމުގެ ކުރިން އަންނަ ހުކުރު ދުވަހެވެ. އެ ދުވަހުން ފެށިގެން މިނިވަން ދުވަސް ނިމެންދެން ކައިވެނި ކޮށްދޭ ގަޑިތަކަށް މިވަނީ ބަދަލު ގެނެސްފައެވެ. މި ނޫން ދުވަސްތަކުގައި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ އާންމު އުސޫލުންނެވެ.

ކޮންމެ އަހަރަކު ވެސް ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ދުވަސްތައް ދުރާލާ އިއުލާން ކުރެއެވެ. ކުރިން ބަންދު ދުވަސްތަކުގައި ކައިވެނި ނުކޮށްދޭން ނިންމިއަސް މިއަހަރު ވަނީ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭން ނިންމާފައެވެ. މިއީ މިފަދައިން ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭ ފުރަތަމަ އަހަރެވެ.