އަންނަ ހޮނިހިރު ދުވަަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް، ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތަށް އެޗްޕީއޭއިން ހަދައިފިއެވެ.
އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށް، މާލެ ސަރަހައްދުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރުމުގައި އާއި ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ގެސްޓުހައުސް ހުންނަ ރަށްރަށުންނާ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރުމުގައި ކަނޑައަޅާފައިވާ ކަރަންޓީނު ކުރުމުގެ ފިޔަވަޅުތަކަށް މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހު ގެ ނިޔަލަށް، ވޯޓުލުމަށް ޓަކާ، އެ މީހަކު ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ރަށަށް 10 ދުވަހުގެ މުއްދަތުގެ ކަރަންޓީނާ ނުލާ ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ދާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަން:
- ވޯޓުލާ ސަރަހައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނޭގޮތަށް) ނުދިޔުން.
- ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން.މީހުންނާ ބައްދަލު ނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން.
- ވޯޓުލުމަށްފަހު، ގިނަވެގެން 48 ގަޑިއިރުގެ ތޭރޭގައި އެ މީހަކު އައި ރަށަކަށް އެނބުރި ދިޔުން.
- ރަށުގައި ކަރަންޓީނު ވެފައިވާ ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލުން.
- ދަތުރު ފެށުމުގެ ކުރިން، ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް، ދަތުރު ކުރާ ތާރީހާއި، ރަށުގައި މަޑުކުރާނެ މުއްދަތާއި، ރަށުގައި ހުންނާނެ ތަން އެންގުން.
- ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިޔަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ވޯޓުލުމުގައި އަމަލުކުރުން.
އެންގުމުގެ ދަށުން ރަށްރަށަށް ދަތުރުކުރެވޭނީ، ވޯޓުލުމަށްޓަކައި ދާ ފަރާތްތަކަށް އެކަންޏަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެ ފަރާތްތަކުން، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ އެންމެހާ ފިޔަވަޅުތަކަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
އެޗްޕީއޭއިން ވަނީ މަތީގައިވާ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް އަންގާފައެވެ. އަދި އެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެންމެހާ ފަރާތްތަކަށް ވަނީ އަންގާފައެވެ.