ފެނަކަ ކޮރަޕްޝަނާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވާފައިވާ ރިޕޯޓުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ދީފައިވާ މުއްދަތު މިއަދު ހަމަވާނެއެވެ.

ރައީސް އޮފީހުން ވަނީ 13 ކަމެއް އިސްލާހު ކުރުމަށް ފެނަކަށް ދީފައިވާ އެންމެ ފަހުގެ ތާރީހަކީ މިއަދު ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޮންކަންތައްތަކެއް ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މި ކަންކަމުގެ ތަފްސީލު ދެއްވާނެއެވެ.

މިދިޔަ މަހު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އޭސީސީން ތަހުގީގު ކުރާ ފެނަކައިގެ މައްސަލަތަކަކާ ގުޅޭ ރިޕޯޓެއް ލިބިވަޑައިގެންފައި ވާ ކަމަށާއި ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ޕީސީބީން މައްސަލަތައް ބަލައި ފެނަކަ އިސްލާހުވާން މުއްދަތެއް ދެއްވާނެ ކަަމަށް ވިދާޅުވެފައެވެ.

ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަމަށް ތުހުމަތު ކުރަނީ ކުންފުނީގެ އަގު ވައްޓާލަން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނެފައި ވަނީ ކުންފުނިން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރާ ކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުން ދަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެ މައްސަލަތައް ބަލަން ފެށީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ތުހުމަތުކޮށް ހުށަހެޅި 27 މައްސަލައިގެ ތެރެއިންނެވެ. އެކަމަކު އެ ތުހުމަތުތައް ސައީދު ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވާ ގޮތުގައި އޭސީސީއަށް ބަޔަކު ދިއުމަކީ "ސިޔާސީ ގޮތުން ރޭވުމެއް" ކަމަށެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިއުލާން ކޮށްފައިވާ މި ސަރުކާރުގެ ކުންފުންޏެއްގައި ކޮރަޕްޝަން ހިނގަމުންދާ ކަން ނުވަތަ އެ ފުރުސަތު އޮތް ކަން ރައީސްގެ ސަމާލުކަމަށް އޭސީސީން ގެނައި އިރު އޭސީސީން އަންނަނީ އެ ކުންފުންޏާ ގުޅޭ 22 މައްސަލައެއް ތަހުގީގު ކުރަމުންނެވެ.