ނިމިދިޔަ 2020 ވަނަ އަހަރު، އެމެރިކާގެ އިންސާނީ ހައްގުތަކުގެ ހާލަތު ގޯސް ވެފައި ވާކަމަށް، ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ، ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަން ވެގެން ދިޔައީ ކުރިންވެސް ހުރި ހައްގުތަކުގެ މައްސަލަތައް އިތުރަށް ކަންބޮޑުވާ ދަރަޖައަކަށް ވައްޓާލި ކަމަކަށް ކަމަށާ، ފުލުހުންގެ ލާއިންސާނީ އަނިޔާއާ ދެކޮޅަށް ކަޅު ނަސްލުގެ މީހުން ތެދުވި ތެދުވުމަކީ، ނަސްލީ ތަފާތު ކުރުންތައް ފެތުރިފައި އޮތް ފުޅާ މިންވަރު އަންގައިދެނިވި ކަމެއް ކަމަށްވެސް އެމްނެސްޓީގެ ރިޕޯޓްގައި ބަޔާން ކޮށްފައި ވެއެވެ.

ރިޕޯޓްގެ ތަފްސީލަށް ބަލާއިރު، މައިގަނޑު 15 ދާއިރާކުން ކަންބޮޑުވުންތައް ފާހަގަވާކަމަށް ބަޔާން ކޮށްފައިވެއެވެ. އޭގެ ތެރޭގައި، ގާނޫނީ އިމުން ބޭރުން އާންމު ރައްޔިތުން މެރުމާ، ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ހައްގަށް އަރައިގަތުން ފަދަ ކަންކަން ފާހަގަ ކޮށްފައިވެއެވެ.

ކޮވިޑް-19އަށް އިންސާފުވެރި އުސޫލަކުން އިޖާބަ ދެވިފައި ނެތުމުގެ އިތުރުން، މި ބަލިމަޑުކަމުގެ ސަބަބުން ގައިދީންނަށް އިތުރު ނުރައްކާތައް ކުރިމަތިވި ކަމަށާ، ގައިދީންގެ ތެރޭގައިވެސް ގިނައީ ކަޅު ނަސްލުގެ މީހުން ކަން އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

2020 ވަނަ އަހަރަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ އިތުރުން، އެމެރިކާގެ މަސްރަހު އިންތިހާއަށް ނުތަނަވަސް ވެގެން ދިޔަ އަހަރެކެވެ.