މީމު އެއާޕޯޓް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ކުންފުނީގެ އިސްވެރިންގެ އިތުރުން، ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އިކްރާމް ހަސަންއާއި، މ. މުލި ކައުންސިލްގެ ރައީސް އަހްމަދު ޝާތިރު އާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މީމު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހެވެ.

އެ މަޝްރޫއުގެދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުން ހިމެނެއެވެ.

އަދި ޓެކްސީވޭ އަކާއި އޭޕްރަންއެއް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިމަޝްރޫއަކީ 733.221 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެތެރޭގައެވެ.