ދިގުލާ ގޮސްފައިވާ ހަނގުރާމައެއް ކުރަމުން އަންނަ ޔަމަނުގައި ވަޅުލާފައި ވާ މައިންތަކުގެ ޝިކާރައަކަށްވެ، ނިމިދިޔަ 2020 ވަނަ އަހަރު، އެ ގައުމުން 348 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް، ތަރައްގީއާ ބެހޭ އދގެ މަޝްރޫއު (ޔޫއެންޑީޕީ) އިން އާންމު ކުރި ރިޕޯޓެއް ބުނެފިއެވެ.

މުޅި ޔަމަނުގެ އެކި ހިސާބުތަކުގައި މައިންތަކާ އެނޫންވެސް ގޮވާޒާތުގެ ތަކެތި ވަޅުލާފައި ވާއިރު، މިތަކެތީގެ ސަބަބުން އާންމުންގެ ފުރާނައަށް އިންތިހާއަށް ނުރައްކާ ވެފައި ވާ ކަމަށާ، މި ކަމުގެ ސަބަބުން، އާންމުންގެ ފުރާނަ ގެއްލި، ބޮޑެތި އަނިޔާތަކާ ކުރިމަތިލާން ޖެހޭ ކަންވެސް ރިޕޯޓް ގައި ވަނީ ފާހަގަ ކޮށްފައެވެ.

ޔަމަނުގެ އެކި ހިސާބުތަކުގައި މައިން ވަޅުލަމުން ދަނީ، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރާ ދެކޮޅަށް، އީރާނުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ހޫތީ ހަނގުރާމަ ވެރިން ކަމަށް، ޔޫއޭންޑީޕީގެ ރިޕޯޓްގައި ކަނޑައެޅިގެން ބުނުފައެއް ނުވެއެވެ. ނަމަވެސް، ބައިނަލްއަގުވާމީ ޖަމިއްޔާތަކާ، ޔަމަނުގެ މައި ސަރުކާރުން އިއްތިފާގުވާ ގޮތުގައި، މި މައިންތަކަކީ ހޫތީން ވަޅުލާ މައިންތަކެކެވެ.

މައިންތައް ނެގުމަށް އދއިން ހިންގާ އޮޕަރޭޝަންގައި ހޫތީން ބައިވެރި ކުރަމުންދާތީ، ޔަމަނުގެ އެކްޓިވިސްޓުން ދަނީ އެކަމަށް ފާޑުވެސް ކިޔަމުންނެވެ. ޔަމަން އެގްޒެކެޓިވް މައިން އެކްޝަން ސެންޓަރު (ޔެމެކް)އާ ޔޫއެންޑީޕީ ގުޅިގެން، ޔަމަނުން މައިން ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މި މަޝްރޫއުގެ ސަބަބުން، އެތައް ހާސް ފުރާނައެއް ސަލާމަތް ކުރެވޭ ކަމަށް ބުނެފައިވެއެވެ.

ސައުދީއިންވެސް ދަނީ ޔަމަނުން މައިން ސާފު ކުރުމަށް މަޝްރޫއެއް ހިންގަމުންނެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް، މާޗް މަހުގެ ފަހު ހަފުތާގެ ތެރޭގައި، 2277 މައިންއާ އެޒާތުގެ ގޮވާތަކެތި ނައްތާލާފައި ވާ ކަމާށް މައުލޫމާތު ލިބެއެވެ. ސައުދީ މިޝަންއިން މާޗް މަހު އެކަނިވެސް 10240 މައިންއާއި ގޮވާތަކެތި ނައްތާލި ކަމަށް ހަބަރު ލިބެއެވެ.