އެސްޓީއޯ އާއި ޖެނެރަލް އިލެކްޓްރިކް ހެލްތް ކެއާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސްތަކެއް އިފްތިތާހު ކޮށްފިއެވެ.

މި ކޯސްތަކަކީ ސްކޭން ކުރުމާއި އެކްސްރޭ ނެގުމުގައި މަސައްކަތް ކުރާ ރޭޑިއޮގްރަފަރުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ކޯސްތަކެކެވެ. މި ކޯސްތައް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރޭޑިއޮލޮޖީގެ ދާއިރާ އިން ދިވެހިން ތަމްރީން ކުރުމަކީ ސިއްހީ ދާއިރާގައި ކުރަން ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި މިހާރުވެސް މިކަން ކުރުން ލަސްވެއްޖެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، 20 މީހުންގެ ޖާގަ އާއެކު ފަށާ ކޯހުގެ ޖާގަ އިތުރުކޮށް އެ އަދަދު އިތުރު ކުރާނެ ކަމަށެވެ. އަދި ދިވެހިންތަކެއް މި ހިދުމަތައް ނިކުތުމަކީ ސިއްހީ ދާއިރާއަށް ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރޭޑިއޯލޮޖީ ދާއިރާ އަށް ދިވެހިން ތަމްރީން ކުރަން ކުރިއަށް ގެންދާ މި ކޯސްތަކުގެ ފުރަތަމަ ބެޗްގައި 20 ކުދިންނަށް ޖާގަ ލިބޭނެ އެވެ. މި ކޯސްތަކުގެ ފުރަތަމަ ބެޗުގެ ފީ އެސްޓީއޯގެ ސީއެސްއާރުގެ ދަށުން ދައްކައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެސްޓީއޯގެ ސިއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ހެލްތް މިނިސްޓަރުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހެލްތް ފެސިލިޓީސްތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އެގޮތުން ސަރުކާރުން އައިޖީއެމްއެޗް ފެންވަރުގެ ފަސް ހޮސްޕިޓަލް އަތޮޅުތެރޭ ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއްގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ރޭޑިއޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ 90 ޕަސެންޓަކީ ބޭރު މީހުންނަށް ވުމަކީ ހިތާމަހުރި ކަމެއް ކަމަށް އަމްރު ވިދާޅުވިއެވެ.

ދިވެހިންނަށް މި ދާއިރާ އިން ކިޔަވުމުގެ ފުރުސަތު ރާއްޖޭގައި އޮތް ނަމަ ގިނަ ބަޔަކު އެ ދާއިރާ ހިޔާރު ކުރާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް އަމްރު ވިދާޅުވިއެވެ. އެގޮތުން މިހާރު މި ދާއިރާ އިން ދިވެހިން ތަމުރީނު ކުރުމުގެ ގޮތުން ސްކްރީން ލެބަކާއި ޓްރެއިން ސެންޓަރެއް ގާއިމު ކޮށްފައިވާ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އަތޮޅުތެރޭ ރޭޑިއޮގްރަފަރުންގެ ގޮތުގައި 37 މީހުން މަސައްކަތް ކުރަމުން ދާއިރު މިވަގުތު އެމީހުންގެ ތެރޭގައި ތިބީ ތިން ދިވެހިންނެވެ. އައިޖީއެމްއެޖްގައި ރޭޑިއޮގްރަފަރުންގެ ގޮތުގައި 20 މީހުން މަސައްކަތް ކުރާއިރު އޭގެތޭގައި ހިމެނެނީ އެންމެ ދިވެއްސެކެވެ.