ނިމިދިޔަ 2020 ވަނަ އަހަރު ރިއަލް-ޓައިމް އޮންލައިން ޓްރާންސެކްޝަން ނުވަތަ އޮންލައިން ވިޔަފާރީގައި، ދުނިޔޭގެ އެންމެ ވަރުގަދަ 2 އިގުތިސޯދުގެ މައްޗަށް، އަވަށްޓެރި އިންޑިއާއިން ކުރި ހޯދައިފިއެވެ.

2020 ވަނަ އަހަރު އިންޑިއާއިން ހެދި ރިއަލް-ޓައިމް އޮންލައިން ޓްރާންސެކްޝަންތަކުގެ އަގު 25.5 ބިލިއަނަށް އަރައެވެ. އިންޑިއާގެ ފަހަތުން މި ލިސްޓުގެ ގަދަ 5 ގައި ދެން އޮތީ 15.7 ބިލިއަން ޑޮލަރާއެކު ޗައިނާ، 6 ބިލިއަން ޑޮލަރާއެކު ދެކުނު ކޮރެއާ އަދި 5.2 ބިލިއަން ޑޮލަރާއެކު ތައިލޭންޑް އަދި 2.8 ބިލިއަން ޑޮލަރާއެކު އިނގިރޭސިވިލާތް. ގަދަ 10 އަކުން އެމެރިކާއަށް ޖާގަ ލިބުނީ ކިރިއާއެވެ. އެމެރިކާގެ ރިއަލް-ޓައިމް އޮންލައިން ޓްރާންސެކްޝަންގެ އަގު އުޅެނީ 1.2 ބިލިއަން ޑޮލަރުގައެވެ.

އިނގިރޭސިވިލާތުގައި ގާއިމުކޮށްގެން ހިންގާ ޕޭމަންޓް ސިސްޓަމް ކުންފުންޏެއް ކަމަށްވާ އޭސީއައި ވޯލްޑްވައިޑުން އާންމު ކުރި ރިޕޯޓަށް ބަލާއިރު، އިލެކްޓްރޯނިކް ޕޭމަންޓްގެ ދާއިރާގައި އިންޑިއާގެ ހިއްސާ އަކީ 22.9 ޕަސެންޓެވެ. 2024 ވަނަ އަހަރު އަންނައިރު، ރިއަލް-ޓައިމް ޕޭމަންޓްގެ ހިއްސާ، 50 ޕަސެންޓަށް އިތުރު ވާނެ ކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.