އިންގްލިޝް ޕްރިމިއާ ލީގު ރޭ ޓޮޓެންހަމްއާއި ނިއުކާސަލް ވާދަކުރި މެޗު 2-2 އަކުން އެއްވަރުވެއްޖެއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީގު ނެގީ ރެލިގޭޝަނާއި ހަނގުރާމަކުރަމުން އަންނަ ނިއުކާސަލުންނެވެ. މެޗުގެ 28 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖޯލިންގްޓަންއެވެ.
މިލަނޑު ޖެހިތާ 90 ސުކުންތު ފަހުން ޓޮޓެންހަމްއިން ލަނޑެއް ޖަހާ ސްކޯ އެއްވަރު ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭންއެވެ.
މެޗުގައި ދެން ވެސް ފެނިގެން ދިޔައީ ކޭންގެ ލަނޑެކެވެ. މެޗުގެ ތިރީސް ހަތަރުވަނަ މިނެޓްގައި ކޭން ޖެހި މިލަނޑަކީ މިސީޒަންގައި އޭނާގެ ޓީމަށް ޖަހާ ދިން 19 ވަނަ ލަނޑެވެ.
މިމެޗުގެ ސްކޯ 2-2 އަކަށް ނިއުކާސަލުން ހެދީ މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށެވެ. އެއީ މެޗުގެ 85 ވަނަ މިނެޓްގައި ނިއުކާސަލްގެ މިގޭލް ޖެހި ޝޮޓެއް ދަނޑީގައި ޖެހިފައި ނުކުތުމުން އެޓީމުގެ ޖޯ ވިލޮކް ގޯލުގެ ތެރެއަށް ވައްދާލައިގެން ޖެހި ލަނޑެކެވެ.
މިމެޗުން އެއްވަރުވުމުން ޓޮޓެންހަމްްއަށް މިވަނީ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އަނެއްކާވެސް ގެއްލިފައެވެ. އެޓީމު މިހާރު އޮތީ ތިރީސް މެޗު ކުޅެ 49 ޕޮއިންޓް ހޯދައިގެން ތާވަލުގެ 5 ވަނައިގައެވެ.
ކުރިއަށް ވެސް މުހިންމު އަދި އުނދަގޫ މެޗުތަކެއް ހުރި އިރު މިމެޗަށް ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އޭނާގެ ޓީމުން މިއަދުގެ މެޗަށް ނިކުތީ މޮޅުވުމަށް ކަމަށާ މޮޅުވާނެ ފުރުސަތުތައް ވެސް ލިބުނު ކަމަށެވެ. އަދި ސްކޯ 3-1 އަކަށް ހަދަން ލިބުނު ރަނުގެ ފުރުސަތެއް ޓީމުން ނަގާލި އިރު 2-2 އަކަށް ސްކޯ ހަދަން އޭނާގެ ޓީމުން ފުރުސަތު ދިން ކަން މޮރީނިއޯ ފާހަގަކުރިއެވެ.
ޓޮޓެންހަމް އަތުން ލިބުނު ޕޮއިންޓާ އެކު ނިއުކާސަލް މިވަނީ ރެލިގޭޝަން ޒޯނާ ތިން ޕޮއިންޓް ދުރަށް ޖެހިލާފައެވެ. އެއީ ކުޅުނު 30 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.