ރާއްޖޭގެ މަޝްހޫރް ޓިކްޓޮކް ތަރިންގެ ވާހަކަ ދައްކަން ފަށައިފި ނަމަ ގދ. ރަތަފަންދޫ އަށް އުފަން މުހައްމަދު އިޝްފާންގެ ނަން އަންނާނެ ކަމީ ޔަގީން ކަމެކެވެ.

ފޫހިވެގެން ޓައިމްޕާސް އަކަށް މީގެ ދެ އަހަރު ކުރިން ޓިކްޓޮކް ކުޅެން ފެށި އިޝްފާންގެ ފޮލޯވަރުން ވެސް މަދެއް ނޫނެވެ. އެގޮތުން ޓިކްޓޮކް ފޮލޯވަރުންގެ ތެރޭގައި މިހާރުވެސް 22،000 އަށް ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ.

އިޝްފާނު ބުނީ ޓިކްޓޮކްތަކާ ގުޅިގެން ގިނަ މީހުންގެ ފަރާތުން އަންނަނީ ޕޮޒިޓިވް ކޮމެންޓް ކަމަށެވެ. ނަމަވެސް ބައެއް މީހުންގެ ފަރާތުން ނެގަޓިވް ކޮމެންޓު ވެސް އަންނަ ކަން ފާހަގަކޮށް އިޝްފާން ބުނީ ފާޑުކިޔުން ތަކަށް އަޅާ ނުލާ ކަމަށެވެ. ނަމަވެސް ވަކި ލިމިޓަކުން ބޭރުވާނަމަ މީހުންނަށް ރައްދު ދޭ ކަމަށް އިޝްފާން ބުނެއެވެ.

https://www.tiktok.com/@ishhfan/video/6933173722627017986?

ޓިކްޓޮކުން އިޝްފާނުގެ ހުނަރު ފެނުމުގެ ކުރިން ވެސް އިޝްފާނުގެ މޫނަކީ ދިވެހިންގެ މެދުގައި އާ މޫނަކަށް ނުވާނެވެ. ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އިޝްފާން ދިވެހިންނަށް ފުރަތަމަ ފެނިގެން ދިޔައީ އަޒްހާން އިބްރާހީމް ޑައިރެކްޓް ކޮށް ގެނެސްދިން މަގުބޫލު ވީޑިއޯ ލަވަ "ހީލީމާ“ ގެ ދެވަނަ ބައެއްގެ ގޮތުގައި 2019 ގައި ގެނެސްދިން ”ހީލީމާ އަގެއިން“ އިންނެވެ.

އެލަވައިން ބޭނުންވި ތަރުހީބު ނުލިބުނު ނަމަވެސް އިޝްފާން ފެނިގެން ދިޔަ ދެވަނަ ލަވައަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.

އާރޯބް ސްޓޫޑިއޯ އިން އުފައްދާފައި ވާ ”ލޯބިވާތީ“ ގެ ނަމުގައި ނެރެފައިވާ މި ލަވައިން އިޝްފާން އާއެކު ފެނިގެން ދިޔައީ ޓިކްޓޮކް ތަރި ޝިފާއެވެ.

https://www.youtube.com/watch?v=SnpA_VoG12Y

ލޯބީގެ ހިތްގައިމު މި ލަވާގައި އިޝްފާނުގެ ހުނަރު އިތުރަށް ފެނިގެން ދިޔަ އިރު އިޝްފާން ބުނިގޮތުގައި އެ ލަވައަށް ވަރަށް ގިނަ ޕޮޒިޓިވް ކޮމެންޓް ލިބުނެވެ.

ލަވަތަކަށް ފަހު އިޝްފާން ފިލްމަކުން ފެނިގެން ދިއުމަކީ އޭނާގެ ކޮންމެ ސަޕޯޓަރަކުވެސް މިހާރު އެންމެ ބޭނުންވާނެ އެއް ކަމެވެ.

އިޝްފާނު ބުނާގޮތުގައި އޭނާ މިހާރު އަންނާނީ ދެ ތިން ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. މިއީ ހަމަ ގައިމުވެސް އިޝްފާންގެ ސަޕޯޓަރުންނަށް ލިބެގެން ދިޔަ އުފާވެރި ހަބަރެއް ކަން ޔަގީނެވެ.

ކުރީގެ ފިލްމީ ތަރިންނާއެކު ފިލްމު ކުޅެން ފުރުސަތު ލިބޭ ނަމަ އިޝްފާން އެންމެ ބޭނުންވަނީ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި ނިއުމާ މުހައްމަދާ އެކީ ފިލްމެއް ކުޅޭށެވެ.

https://www.tiktok.com/@ishhfan/video/6814879344679308550?

އިޝްފާން ބުނާގޮތުގައި އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ގިނަ މީހުން ބަލައިގަންނަ މީހަކަށް ވެ، މީހުންގެ އިހްތިރާމު ލިބޭ ފަދަ މީހަކަށް ވުން ކަމަށެވެ.

އިޝްފާނަށް އެންމެ ބޮޑު ސަޕޯޓެއް ލިބެމުން ދަނީ އޭނާގެ އާއިލާގެ ފަރާތުންނާއި ރައްޓެހިންގެ ފަރާތުންނެވެ.

އޭގެ އިތުރުން އޭނާގެ ސަޕޯޓަރުންނަކީ ވެސް އޭނާއަށް ވަރަށް މުހިންމު ބައެއް ކަމަށް އިޝްފާން ބުނެއެވެ. އެގޮތުން އިޝްފާން މިހާ ހިސާބަށް އައުމުގައި ސަޕޯޓަރުންގެ ދައުރު ވަރަށް ބޮޑު ކަމަށް އިޝްފާން ގަބޫލު ކުރެއެވެ.

އިޝްފާން އެދެނީ ސަޕޯޓަރުން ހަމަ އެގޮތަށް ސަޕޯޓު ކުރުމަށެވެ. އަދި ސަޕޯޓަރުން ބޭނުންވާ ފަދަ މީހަކަށް ވާނެ ކަމަށް އިޝްފާން ވަނީ ބުނެފައެވެ.