ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައި ވާ މެނިފެސްޓޯ ނެރެފިއެވެ.

މެނިފެސްޓޯގައި މައިގަނޑު 5 ވައުދެއް ހިމަނާފައި ވެއެވެ. އެއީ، ބޯހިޔާވަހިކަން، ވަޒީފާ ވިއުގަކުރުން، އިޖުތިމާއީ ހިދުމަތާއި އަދަބު ލުއި ކުރުން، އާންމު ބަސްދަތުރު އަދި މިލިއުޅެވޭ ދިރިއުޅުން މިއެވެ.

ބޯހިޔާވަހިކަން

މެނިފެސަޓޯގައި އެންމެ ފުރަތަމަ ވައުދެއްގެ ގޮތުގައި ހިމަނާފައި ވާ ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދެވެ. މި ވައުދުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށް ދޭން ނިންމާފައި ވާ އެއް ބަޔަކީ، ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ މަގުން ވެސް ބޯހިޔާވަހިކަން މިލްކު ކުރުމުގެ ގާބިލްކަން ނެތް 3000 އާއިލާއަށެވެ. އެއީ ކައުންސިލް ހައުސިން ކެޓަގަރީއެވެ. އެ ކެޓަގަރީއަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭން ނިންމާފައި ވަނީ މަހަކު 6400 ރުފިޔާއަށް ވުރެ އިތުރު ނުވާނެ ކުއްޔެއްގައެވެ.

ގިނަ ލިއުންތަކެއް ހުށަހަޅަން ނުޖެހި، ބޯހިޔާވަހިކަމަށް އެދި މާލެ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް މެނިފެސްޓޯގައި ވެއެވެ.

މި ވައުދުގެ ދަށުން އިތުރު 10،000 ހައުސިން ޔުނިޓެއް ވެސް އަޅަން ނިންމާފައި ވެއެވެ. މި ޔުނިޓްތަކުން ބޯހިޔާވަހިކަން ލިބޭނީ، ކައުންސިލް ހައުސިންގެ އިތުރުން 32،000 ރުފިޔާގެ އާމްދަނީއެއް ލިބޭ 4000 އާއިލާ އަދި 32،000 އާއި 64،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ 5600 އާއިލާއަށެވެ.

ވަޒީފާ ވިއުގަކުރުން

މި ވައުދުގެ ދަށުން ކޮންމެ ދާއިރާއެއްގައި ޖޮބް ސެންޓަރުތައް ގާއިމްކޮށް، ވަޒީފާއާއި، މަސައްކަތްތެރިންނާއި، ވަޒީފާ އަދާ ކުރާ މީހުންގެ މައުލޫމާތު އެއްކޮށް ބަލަހައްޓަން ވަނީ ކަނޑައަޅާފައެވެ. ޖޮބް ސެންޓަރުތަކުގައި ވަޒީފާއަށް އެދޭ މީހުންގެ ދަފުތަރެއް ގާއިމުކޮށް، ހުސް ވަޒީފާއާއި ވަޒީފާ ނެތް މީހުން ގުޅުވައި ދޭނެއެވެ. ހަމައެއާއެކު، މި ޖޮބް ސެންޓަރުތައް މެދުވެރިކޮށް ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް ދޭ އިނާޔަތް ފޯރުކޮށް ދިނުމަށް ވެސް ނިންމާފައި ވެއެވެ.

މި މަގުން ވަޒީފާގެ މައުލޫމާތު ވިއުގަ ކުރުމުން ބިދޭސީ މަސައްކަތު މީހަކު ވަޒީފާއަކަށް ގެނެވޭނީ އެ ވަޒީފާ އަދާކުރާނެ ދިވެއްސަކު ނެތިގެންކަން ޔަގީން ކުރެވޭނެއެވެ.

އިޖުތިމާއީ ހިދުމަތް، އަދަބު ލުއި ކުރުން

މި ވައުދުގެ ދަށުން އެމްޑީޕީން ހުށަހަޅާފައި ވަނީ ސިޓީ ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުން ތައާރަފް ކުރާ އިޖުތިމާއީ ހިދުމަތުން އަދަބު ލުއި ކޮށްދޭނޭ އާ ފުރުސަތެއް ފަހިކޮށް ދިނުމުގެ ނިޒާމެކެވެ. އެއީ ޕެރޯލް ހަލުވިކޮށް، ޕްރޮބޭޝަންގެ ބެލެހެއްޓުން ތެރިކަމުގެ ނިޒާމެކެވެ.

އާންމު ބަސް ދަތުރު

މި ވައުދުގެ ދަށުން މާލޭގެ ކާރޫބާރޫ ކުޑަ ކުރުމަށް ސްކޫލް ބަހާއެކު، އާންމު ބަސް ދަތުރުފަތުރުގެ ހިދުމަތް ތައާރަފު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގެ މަގުތަކަށް އުޅަނދު ފަހަރު ތަކާނެ މިންވަރު (ވެހިކަލް ކެރީންގް ކެޕޭސިޓީ) ކަނޑާ ތަންފީޒު ކުރާން ނިންމާފައި ވެއެވެ.

ހަމައެއާއެކު، ޓެކްސީ ހުއްޓުމަށާއި، މުދާ އަރުވާ ބޭލުމަށް ހާއްސަ ވަގުތާއި، ސަރަހައްދުތައް ކަނޑައެޅުމަށް ވެސް މި ވައުދުގެ ދަށުން ވަނީ ނިންމާފައެވެ. އަދި ބެޓެރީ އުޅަނދަށާއި، ބައިސްކަލު ދުއްވުމަށް ހިތްވަރު ދީ، ކަންފަހި ކުރާނެއެވެ.

މިލިއުޅެވޭ ދިރިއުޅުން

މި ވައުދުގެ ދަސުން އެމްޑީޕީން ނިންމާފައި ވަނީ އެކަކު އަނެކަކަށް އަޅާލައި، އެކި މިޒާޖުގެ އެކި އުމުރުފުރައިގެ ދެ ޖިންސުގެ އެންމެންނަށް ހިތްފަސޭހަ ކަމާއެކު މިލިއުޅެވޭނޭ އުފާވެރި ވެއްޓެއް ގާއިމް ކުރުމަށެވެ. އެއީ އެންމެނަށް ހެލިފެލިވެ، ހީނސަމާސާކޮށް އުޅެވޭނެ އުފާވެރި މައިޒާންތައް ބިނާ ކޮށްގެންނެވެ. އަދި މިއުޒިކާއި، މުނިފޫހިފިލުވުމާއި، ހުނަރާއި ފުނަރުން ކުރިއަރައި ދާ އުފެއްދުންތެރި ޒުވާން ޖީލަކަށް ބޭނުންވާ ފަންނުވެރިކަމުގެ އާލާތާއި، ވަސީލަތް ގާއިމު ކޮށްގެންނެވެ.