އެމްޑަބްލިއުއެސްސީން ރ. ދުވާފަރުގައި ގާއިމް ކޮށްފައިވާ އައިސް ޕްލާންޓުން ވިއްކާ އައިސްގެ އަގު ހެޔޮކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައެވެ. އެގޮތުން، އެ ކުންފުނިން ބުނީ، އައިސް ވިއްކާ އަގަށް ގެނައި ހެޔޮ ބަދާލާއި އެކު، ޖީއެސްޓީ ހިމެނޭހެން މިހާރު އައިސް ޓަނެއް ވިއްކާ އަގަކީ 1،050 ރުފިޔާ ކަމަށެވެ. ކުރިން ޖީއެސްޓީ ހިމެނޭހެން އައިސް ޓަނެއް ވިއްކަމުން ދިޔައީ 1،275 ރުފިޔާއަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އައިސް ވިއްކާ އަގު ހެޔޮ ކޮށްފައި ވަނީ، ދުވާފަރާއި އަދި އެ ސަރަހައްދުގެ މަސްވެރިންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ރިއާޔަށް ކުރުމަށްފަހު ކަމަށެވެ. އަދި އާންމުކޮށް ހުރިހާ ފަރާތްތަކަށް، ވީހާވެސް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއި އެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްޓަކައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ދަނީ ރ. ދުވާފަރުގައި އައިސް ޕްލާންޓެއް ގާއިމްކޮށް، 2013 ވަނަ އަހަރުން ފެށިގެން އައިސް ފޯރުކޮށް ދިނުމުގެ ހިދުމަތް ދެމުންނެވެ. އެކުންފުނިން ބުނަނީ މިއީ މަސްވެރިކަމާއި އަދި އެހެނިހެން ވިޔަފާރިތަކާ ވަރަށްބޮޑަށް ގުޅިފައިވާ ހިދުމަތަކަށް ވުމާއެކު، އެމްޑަބްލިއުއެސްސީން މި ހިދުމަތް ފޯރުކޮށް ދެމުން ދަނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އާންމު ހިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

ހަމައެއާއެކު، އެމްޑަބްލިއުއެސްސީން ދަނީ މަސް ދޯނިތަކުގެ އޯޑަރަށް ދުވާފަރު އައިސް ޕްލާންޓުން ދުވާފަރު ބަނދަރު ސަރަހައްދަށް، އައިސް ގެންގޮސް ދިނުމުގެ ހިދުމަތް ވެސް ފޯރުކޮށް ދެމުންނެވެ. އެގޮތުން، ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 8:00 އާއި ރޭގަނޑު 10:00 އާ ދެމެދު ދުވާފަރު ކަސްޓަމާ ސާވިސް މެދުވެރިކޮށް އައިސް އަށް އޯޑަރު ކުރެވޭނެއެވެ. އަދި އެކަން އެމްޑަބްލިއުއެސްސީގެ އައިސް ހޮޓްލައިން ނަމްބަރު، 7999151 އަށް ގުޅައިގެން ވެސް ކުރެވޭނެއެވެ.