މޫސުމީ ބަދަލުތަކާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިންތިޒާމް ކުރައްވާ ވާޗުއަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއަށް އަރުވާފައި ނުވާ ކަން، އޭނާ ފާހަގަ ކުރައްވައިފިއެވެ.

އޭޕްރިލް 22 އިން 23 ގެ ނިޔަލަށް ކުރިއަށް ގެންދާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 40 ގައުމެއްގެ އެންމެ އިސްވެރިންނަށް އަރުވާފައި ވާއިރު، މި ލިސްޓުގައި ޕާކިސްތާނެއް ނެތެވެ.

ވައިޓްހައުސް އިން ހަބަރު ދޭ ގޮތުގައި، މި ކޮންފަރެންސަށް ދައުވަތު އަރުވާފައި ވަނީ، އެންމެ ގަދައަށް ޖައްވު ތަޣައްޔަރު ކުރާ ގައުމުތަކާ، ކްލައިމެޓް ލީޑާޝިޕް ވަރުގަދަ ގައުމުތަކުގެ އިތުރުން، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ހާލުގައި ވާ ގައުމުތަކުގެ ވެރިންނަށް ކަމަށެވެ. އަދި ނެޓް-ޒީރޯ އިގުތިސޯދަށް ވާސިލުވާ ގައުމުތަކުގެ ވެރިންނަށްވެސް ދައުވަތު އަރުވާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ދައުވަތު ލިބިވަޑައިނުގަތުމުގެ ސަބަބުން އެކަމާ ހިތްޕުޅު ހަމަޖެހިވަޑައި ނުގެން، ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ، ދައުވަތު ލިބިވަޑައި ނުގެން ކަމަށްޓަކައި ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި ޕާކިސްތާނުގެ ތިމާވެށީގެ ސިޔާސަތުތަކަކީ، ސާފު، ފެހި ޖީލުތަކަކަށް އަމާޒު ކޮށްފައި ވާ ސިޔާސަތުތަކެއް ކަމަށްވެސް އިމްރާން ވަނީ ފާހަގަ ކުރައްވާފައެވެ.

ނޮވެމްބަރު 2020 ގައި އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، ޖެނުއަރީ 2021 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ބައިޑަން އާ އިމްރާންއާ ދެމެދު އެއްވެސް ވަރެއްގެ މުއާމަލާތެއް އަދި ކުރިއަށް ގެންދަވާ ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަން މިހެން އޮތް އިރު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް (ހާރިޖިއްޔާ) އިން ވަނީ، މޫސުމީ ބަދަލާ ގުޅޭ ކަންކަމުގައި ޕާކިސްތާނާއެކު މަސައްކަތް ކުރަން އެދޭ ކަން ހާމަކޮށްފައެވެ.