ސައުދީ އަރަބިއްޔާގައި މިއުޒިކީ ސިނާއަތް ކުރިއެރުވުމަށް އަމާޒުކޮށްގެން، މިއުޒިކް ކުޅޭ މީހުން ތަމްރީނު ކުރުމުގެ ބޮޑު މަޝްރޫއެއް ފަށައިފިއެވެ.

ސައުދީގެ ސަގާފަތާ ބެހޭ ވުޒާރާގެ ގޮތްޕެއް ކަމަށްވާ މިއުޒިކް އޮތޯރިޓީއިން ވާޗުއަލް ކޮށް ފެށި މި މަޝްރޫއަކީ، ސައުދީގައި މިއުޒިކްގެ ރޮނގުން މީހުން ކުރިއަށް ގެންދިއުމަށް އަމާޒުކޮށް، މިއުޒިކްގެ ފަންނީ އަދި އިލްމީ ހުނަރު ދަސްކޮށްދިނުމަށް ހިންގާ މަޝްރޫއެއް ކަމަށް މައުލޫމާތު ލިބެއެވެ.

500 އެއްހާ މީހުންނަށް އަމާޒު ކޮށްގެން ހިންގާ ތަމްރީނުގެ ފުރަތަމަ ބުރު، ޖޫން 20، 2021 ގެ ނިޔަލަށް ކުރިއަށް ގެންދާއިރު، 2030 ވަނަ އަހަރު އަންނައިރު، 29000 އެއްހާ މީހުންނަށް ތަމްރީނު ދިނުމަށް ވަނީ އަމާޒު ހިފާފައެވެ.

މިއުޒިކް އޮތޯރިޓީގެ އިސްވެރިޔާ މުހައްމަދު ބިން ޢަބްދުﷲ އަލް-މިލްހިމް ވަނީ، އިލްމުގެ ރޮނގުން ސަގަފަތާއި ފަންނުވެރި ކަމުގެ ދާއިރާ ކުރިއެރުވުމަށް، ވަޒީރު، އަމީރު ބިން ޢަބްދުﷲ ބިން ފަރްހާން އަލް ސައުދު ދެއްވާ އެއްބާރުލުން ފާހަގަ ކުރައްވާ، އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ސައުދީގެ ނުފޫޒު ގަދަ ވަލީއަހުދު، މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ގެންދަވަނީ، 2030 ވަނަ އަހަރު އަންނައިރު، ސައުދީގެ ތަސައްވުރު މުޅިން ބަދަލުކުރެއްވުމަށް ބޮޑެތި މަޝްރޫއުތަކެއް ހިންގަވަމުންނެވެ. އެގޮތުން، ސައުދީގައި މިހާތަނަށް ދީފައި ނުވާ އެތައް ލުޔެއް، މިންތީގެ ގޮތުންވެސް ދެމުން އަންނަ ކަން ފާހަގަ ކުރަން ޖެހެއެވެ.