އިއްޔެއިން ފެށިގެން ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން މެންދަމު 1:00 އަށް އަދި ވިޔަފާރި ކުރާ ތަންތަން މެންދަމު 12:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާއިފިއެވެ.
އެ މިނިސްޓްރީން ރޭ ނެރުނު ދެ އިއުލާނެއްގައި ބުނީ، އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެނިޔަލަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި އަކީ، ފަތިހު 5.30 އިން މެންދަމު 12:00 އަށް ކަމަށެވެ. އަދި މި މުއްދަތުގައި ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ ފަތިހު 4:30 އިން މެންދަމު 1:00 އާ ދެމެދު ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ރޯދަ މަސް ފެށެންދެން ވިޔަފާރި ކުރުމަށް ކަނޑައަޅާފައި ވާ ގަޑިތަކަށް ބަދަލު ގެނެސްފައި ވާއިރު، ރޯދަ މަހު ވެސް ވިޔަފާރި ކުރާ ގަޑިތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ރޯދަ މަހާއި، ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި އަކީ، ހެނދުނު 8:00 އިން މެންދަމު 12:00 އެވެ. އަދި މި މުއްދަތުގައި ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވާ ގޮތުގައި ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރި ކުރާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސީލުތަކާ އެއްގޮތަށް އަމަލު ކުރަން ވާނެއެވެ. އެހެންކަމުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަނާއި، ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން، އަލަށް އިއުލާނު ކުރި ގަޑިތަކާ އެއްގޮތަށް އަމަލުކުރުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
ވިޔަފާރި ކުރާ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވާއިރު، ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ދޭ ގަޑިތަކާއި، މުދާ ވިއްކާ ތަންތަނުން ހިދުމަތް ދޭ ގަޑިތައް ވަނީ ފާއިތުވި އަހަރު ތެރޭގައި ވަރަށް ބޮޑަށް ކުޑަ ކޮށްފައެވެ. އެގޮތުން އެކި ދުވަސްވަރު އެކި ގަޑިތަކަށް ބަދަލު ކުރަމުން އައީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅާ ފިޔަވަޅުތަކާ އެއްގޮތް ކުރުމުގެ ގޮތުންނެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުން ލިބިފައި ވާ ކަން ވެސް ފާހަގަ ކޮށްލެވެއެވެ.