މީގެ 121 އަހަރު ކުރިން، އިނގިރޭސި ރާނީ ކުއީން ވިކްޓޯރިއާ ސިއްކަ ޖައްސަވާފައިވާ "ޝާހީ" ޗޮކްލެޓް ފޮއްޓެއް ފެނިއްޖެއެވެ.

މި ފޮށި ފެނިފައި ވަނީ "ބޮއޭ" ހަނގުރާމައިގެ ދުވަސްވަރު، ބޭނުން ކުރި ހެލްމެޓެއްގެ ކޭސް ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.

މި ޗޮކްލެޓް އުފައްދާފައި ވަނީ މީލާދީން 1900 އަހަރުއެވެ. ކެޑްބަރީ، ފްރައި އަދި ރޯންޓްރީ ފަދަ ކުންފުނިތަކުން އޭރު ދިޔައީ، ދެކުނު އެފްރިކާ ކުރި ދެވަނަ "ބޮއޭ" ހަނގުރާމާގައި ބައިވެރިވި ސިފައިންނަށް ހިތްވަރު ދިނުމުގެ ގޮތުން ޗޮކްލެޓް އުފައްދަމުންނެވެ.

ގަރުނަކަށް ވުރެ ގިނަ ދުވަސްވެފައިވާ "ޝާހީ" ޗޮކްލެޓް ފޮއްޓާއި ހެލްމެޓް ނިސްބަތްވަނީ އެއިޓްތު ބެރޮނެޓް ހެންރީ އެޑްވާޑް ޕެސްޓަން-ބެޑިންގްފެލްޑް ނަމަކަށް ކިއާ ސިފައިންގެ މީހަކަށެވެ. އެމީހަކީ ހަނގުރާމައިގެ ފަހުލަވާނެކެވެ.

މި ޗޮކްލެޓް ފޮށި ފެނިފައި ވަނީ، ސިފައިންގެ މީހާގެ އަންހެން ދަރިފުޅުގެ މުދާތަކުގެ ތެރެއިންނެވެ. އެ އަންހެން ދަރިފުޅު، އުމުރުން 100 އަހަރުގައި މިދުނިޔެ ދޫކުރީ މިދިޔަ އަހަރުއެވެ.