ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް އއ. ތޮއްޑޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ދިރާގުން ބުނީ، އއ. ތޮއްޑޫގައި ދިރާގު ޓީވީ ތައާރަފުކޮށްފައި ވަނީ ދިރާގު ކަސްޓަމަރުންނަށް ވަރަށް ހާއްސް ޕްރޮމޯޝަންއެއް ހުޅުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ ހާއްސަ ޕްރޮމޯޝަންގެެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް ގުޅައި ދިނުމަށް ހަމަޖެހިފައި ވަނީ މުޅިން ހިލޭ ކަމަށެވެ. އަދި ޖޯއިބޮކްސް ވެސް (ޑީކޯޑާ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މެއި މަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތު ވެސް ވަނީ ދިރާގުން ހުޅުވާލާފައެވެ. މެއި މަހުގެ ނިޔަލަށް ދިރާގު ޓީވީ ކަނެކްޝަނަކަށް ހުށަހަޅާ 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބެލޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ރަށްތަކަށް ދިރާގު ޓީވީގެ ހިދުމަތް ފުޅާކޮށް، ވީހާވެސް ގިނަ ކަސްޓަމަރުންނަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީގެ މުނިފޫހި ފިލުވުމުގެ ޕްރޮގުރާމްތައް ބަލާލުމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ. އަދި ޗެނަލްތައް އިތުރުކޮށް، ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ ސްޕޯޓްސް ޗެނަލްތަކާއިލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކާއި ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.
ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސެންތް ގޭބިސީއަށް މިހާރު ދިރާގު ޓީވީ ހިދުމަތް ފޯރުކޮށް ދީފައެވެ. އޭގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން އެ ހިދުމަތް ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.