ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިއްގަރު ދާއިރާގެ އޭރުގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ދެވަނަ ފަހަރަށް ހައްޔަރުކޮށް، ބަންދުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގެ މައްސަލާގާ ފާރިސްގެ ފަރާތުން އިސްތިއުނާފު ކުރިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު އިއްޔެ ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ފާރިސް ހައްޔަރު ކުރުމުގެ އަމުރު ނެރުމާއި ހައްޔަރު ކުރުމަށް ފަހު ފުލުހުން އަމަލު އަމަލު ކޮށްފައިވަނީ ވެސް ޖިނާއީ އިޖްރައާތުގެ ގާނޫނާ އެއްގޮތަށް ކަމަށެވެ.
ފާރިސްގެ ބަންދު މުއްދަތާއި ބެހޭ ކޯޓުގެ މަޖިލިސް ސިއްރު ކޮށްގެން ކުރިއަށް ގެންދިއުމުގައި ވެސް މައްސަލައެއް ނެތް ކަމަށާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރިތާ ހަފުތާއެއް ނުވާ ފަނޑިޔާރަކު ފާރިސްގެ ހައްޔަރު އަމުރާއި ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުމަކީ ވެސް ގާނޫނީ ހުރަހެއް އޮތްކަމެއް ނޫން ކަމަށް އެ ހުކުމުގައިވެއެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފާރިސް ދެވަނަ ފަހަރަށް ބަންދުކުރަން ނެރުނު އަމުރު ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއުއެވެ.
ފާރިސް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ ޖުލައި 19، 2017 ގައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ފާސްކުރުމަށް މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވާ ގާނޫނާ ހިލާފަށް މަސައްކަތް ކުރައްވާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
ފާރީސް ހައްޔަރު ކުރުމަށް ފަހު އޭނާ ދޫކޮށްލާފައި ވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ނަތީޖާ ސާފުވުމުން ކަފާލާތުގެ ދަށުންނެވެ. އޭގެ ފަހުން ފާރިސްގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ހައިކޯޓުން ބާތިލުކޮށް އޭނާ މިނިވަން ކުރިއެވެ.