އެމްޔޫ ސްޓޯރުގެ ތިޖޫރީ ފަޅާލައިގެން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ.

އޭޕްރީލް 23، 2016 ގައި އެމްޔޫ ސްޓޯރާއި ގުޑް ސްޓާމް އޮފީހުގެ ތިން ތިޖޫރިއެއް ފަޅާލާ، ތިޖޫރީގައި ހުރި 2.5 މިލިއަން ރުފިޔާ އާއި 3.2 މިލިއަން ރުފިޔާ ވަނީ ވަގަށް ނަގާފައެވެ.

އެމައްސަލާގައި ފަސް މީހަކު ހައްޔަރުކުރި އިރު މައްސަލައިގައި ދައުލަތުން ދައުވާކުރީ މ. އޭޝިއާ، އަހުމަދު ފާރިޝާއި މއ. ކަޅުފެހިގޭ އަހުމަދު ޝިފާނާއި ހ. ބުރަކިގެއާގޭ، އިސްމާއިލް ސަޔާހާއި ހ. ރޯޝަންވިލާ ޔޫސުފް ޝާހީނަށް އަދި ލ. ގަން ތުނޑީ އަވަށު، ހިމާޔަތް، މޫސާ ޔޫސުފުގެ މައްޗަށެވެ.

އެ ފަސް މީހުންގެ މައްޗަށް ކޮށްފައިވަނީ ވައްކަމުގެ ދައުވާ އާއިި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އަދި ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާއެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައި ވަނީ ތިން ތިޖޫރީއެއް ފަޅާލައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގައި އެ ފަސް މީހުން ބައިވެރިވި ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

އޭގެ އިތުރުން ދައުވާ ލިބޭ އެއްވެސް މީހެއްގެ ބެލުމުގެ ދަށުން ފައިސާ ފެނިފައި ނުވާ ކަމަށާއި ފަހުން ފުލުހުން ހޯދި ފައިސާތަކުން ވެސް އެ ފަސް މީހުންނާ އެކަމާ ގުޅުވޭނެ ފޮރިންސިކް ހެއްކެއް ނުފެންނަ ކަމަށެވެ.

އެ މައްސަލާގައި ކޮރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ގާޒީ އަލީ އާދަމްއެވެ.

އެމައްސަލާގައި ޕީޖީ އޮފީހުން މިއަދު ބުނީ އެމްޔޫ ސްޓޯރުގެ ތިޖޫރީ ފަޅާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ.

އެމްޔޫ ސްޓޯރުގެ އެ ބޮޑު ވައްކަމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފައިސާ އާއި ތަކެތި ވަނީ އެތަކެތީގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ. އެ މައްސަލާގައި އަތުލައި ގަނެވުނު ފައިސާއަކީ މިހާތަނަށް ކޮށްފައިވާ ވައްކަންތަކުގައި އަތުލައި ގަނެވުނު އެންމެ ގިނަ އަދަދެއްގެ ފައިސާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.