ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލި މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކޮށް ކޮމިޓީގައި ނެގުނު ވޯޓުން ކޮމިޓީގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިފައި ނުވާތީ، އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާ ކަމަށެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމު އަންނަ މަހު 11 އަދި 12 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސް އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ރައީސް އޮފީހުން ބުނީ އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށެވެ.

މިހާރު އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމުގައި ތިއްބެވީ ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި، މ. ޖިއެނާ، މުއުމިނާ ވަހީދު އަދި މއ. މާވެޔޮގެ، ޑރ. އަހުމަދު އަދުހަމް އަބްދުﷲއެވެ.