މި އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު، އިންޑޮނޭޝިއާގެ ޖާވާ ކަނޑަށް ވެއްޓުނު ސްރީވިޖަޔާ އެއާގެ ފްލައިޓް އެސްޖޭ182 ގެ ކޮކްޕިޓް ވޮއިސްޓް ރެކޯޑާ (ސީވީއާރް) އެއްގަމަށް ނަގައިފިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ބޫދީ ކަރްޔާ ސުމާދީ ވިދާޅުވީ، ކޮކްޕިޓް ވޮއިސް ރެކޯޑަރު ފެނިފައި ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
ފްލައިޓްގެ އެންމެ ފަހު ވަގުތުކޮޅު ކޮކްޕިޓާއި ކޮންޓްރޯލް ޓަވަރާ ދެމެދު ދެކެވުނު މުހިންމު ވާހަކަތައް އެކުލެވޭ ސީވީއާރް ފެނުނުއިރު، އެ ޑިވައިސް އޮތީ ރަނގަޅު ހާލެއްގައި ތޯ ކުރި ސުވާލަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ތަރުޖަމާނަކު އިންކާރު ކުރައްވާފައި ވާ ކަމަށް، އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.
26 އަހަރުވީ ބޮއިންގް 737-500 މަރުކާގެ ފްލައިޓްގެ ވޮއިސް ރެކޯޑަރު ފެނިފައި ވަނީ ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ނަމަވެސް އެ ޑިވައިސްގެ މެމޮރީ ޔުނިޓް ނުފެނިގެން ހޯދާތާ، ގާތްގަނޑަކަށް 3 މަހާ ގާތް ކުރަނީއެވެ. މެމޮރީ ޔުނިޓް ހޯދަމުން ދިޔަ ސަރަހައްދަކީ ފެންގަނޑު ކިލަނބުވުމުގެ އިތުރުން، ބައެއް ފަހަރު އިންތިހާއަށް އޮއެވެސް ގަދަވާ ސަރަހައްދެއް ކަމަށް މައުލޫމާތު ލިބެއެވެ.
ބޯޓުން ދަތުރު ކުރި އެންމެންގެ ފުރާނަ ގެއްލިދިޔަ ހިތްދަތި ހާދިސާއާ ގުޅިގެން މިހާތަނަށް އެކުލަވާލި ވަގުތީ ރިޕޯޓަށް ބަލާއިރު، ބޯޓު ކަނޑަށް ވެއްޓުނީ، އިންޖީން ތުރަސްޓް ބެލަން ނުކުރެވި، ކުއްލި އަކަށް ބޯޓު އެނބުރުމަށް ފަހުގައެވެ. އެ ރިޕޯޓްގައި، ބޯޓުގެ ކަޅުފޮށިން އެއްކުރި މައުލުމާތު ހިމަނާފައި ވެއެވެ.