އީކޯ އޯގަނައިޒޭޝަން، އުރީދޫ މޯލްޑިވްސް އަދި ރޮބޯއީ ގުޅިގެން ދިވެހި ދަރިވަރުންނަށް ރޮބޮޓިކް ޓެލެޕްރެޒެންސްގެ ހިދުމަތް ތަޖުރިބާކޮށް، އުރީދޫ 5ޖީ މެދުވެރިކޮށް ރާއްޖޭގައި ތިބެގެން ޖަރުމަނުގައިވާ ރޮބޮޓެއް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ފަހިކޮށްދީފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، އީކޯ އޯގަނައިޒޭޝަން އާއި އުރީދޫ މޯލްޑިވްސް އިން ގުޅިގެން މިޔުނިކް ޓެކްނިކަލް ޔުނިވާސިޓީ އިން އުފަންވެފައިވާ ސްޓާޓަޕެއް ކަމުގައިވާ ރޮބޯއީ އާއެކު ޕާޓްނާޝިޕެއް ގާއިމްކޮށްފައި ވާ ކަމަށެވެ. އެގޮތުން މިއަދު ވަނީ ރޮބޯޓިކް ޓެލެޕްރެސެންސް އިވެންޓެއް ބާއްވާފިއެވެ. މި އިވެންޓް ގައި އުރީދޫ 5ޖީ އެއާފައިބާ މެދުވެރިކޮށް ދަރިވަރުންތަކަކަށް ޖަރުމަަނުގައިވާ ރޮބޮޓެއް ކޮންޓްރޯލް ކުރުމުގެ ތަޖުރިބާ ކުރެވޭ ގޮތް ހަމަޖައްސައި ދީފައިވާ ކަމަށް އުރީދޫން ބުނެއެވެ.

ވީއާރް ކެފޭގައި މިއަދު ބޭއްވި އިވެންޓްގައި ގިޔާސުއްދީން އިންޓަނޭޝަނަލް އަދި ބިލަބޮންގް ހައިސްކޫލްގެ ރޮބޯޓިކްސް ދަރިވަރުންތަކެއް ވަނީ އުރީދޫ 5ޖީ އެއަފައިބާގެ އެހީގައި ރޮބޯއީ މެދުވެރިކޮށް ޓެލެޕޯޓް ވުމުގެ ތަޖުރިބާ ކޮށްފައެވެ.

ދިވެހި ދަރިވަރުންނަށް ރޮބޮޓިކް ޓެލެޕްރެޒެންސްގެ ހިދުމަތް ތަޖުރިބާކު ރުމަށް ބޭނުން ކުރި ޖަރުމަނުގައި ހުންނަ ރޮބޯއީ / ފޮޓޯ: އުރީދޫ

ރޮބޯއީ އަކީ އިންސާނީ ސިފަތަކަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ރޮބޮޓެކެވެ. ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ރޮބޯއީ ވަނީ އިންސާނެއްގެ ގުނަވަންތައް ހަރަކާތް ކުރާގޮތް ވެސް ދަސްކޮށްފައެވެ. ރޮބޯއީ 3.0 ގެ ޓެލެޕޯޓްވުމުގެ ހިދުމަތް މެދުވެރިކޮށް، ވަގުތުން އެހެން ތަނަކު ހުރުމުގެ ތަޖުރިބާ އާއި ފައިދާތަކުގެ އިތުރުން އެއް މުޖުތަމައު އާއި އަނެއް މުޖުތަމައު އާ އޮންނަ ގުޅުން ވަރު ގަދަކޮށްދެއެވެ.

އުރީދުން ބުނީ، ކުރިއަށް އޮތްތަނުގައި މި ހިދުމަތަށް އަންނަ ކުރިއެރުމާ އެކު ދެމެހެއްޓެނިވި ގުޅިފައިވާ މުޖުތަމައުތަކެއް ބިނާކުރުމުގެ އުންމީދު ވެސް އާލާވެގެން ދާނެ ކަމަށެވެ. މި އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ދަރިވަރުންނަށް ވަނީ 5ޖީ ގެ ވަރުގަދަ ނެޓްވޯކާ އެކު ރޮބޯޓިކްސް، އާޓިފިޝަލް އިންޓެލިޖެންސް އަދި އިންޓަނެޓް އޮފް ތިންގްސް ގެ ހައިބަތާއި މި ހިދުމަތްތަކުގެ ސަބަބުން ހުޅުވިގެން ދާނެ ފުރުސަތުތަކަށް ވެސް ލޯ ހުޅުވާދީފައި ކަމަށް އުރީދޫން ބުނެއެވެ.

"ރޮބޯއީ، އީކޯ އޯގަނައިޒޭޝަން އަދި ވީއާރް ކެފޭއާ އެކު މިއަދު ރާއްޖޭގައި މި ބޭއްވުނު ތާރީހީ ހަފްލާގައި އުރީދޫ މޯލްޑިވްސްގެ 5ޖީ ގެ ވަރުގަދަ ނެޓްވޯރކްގެ ބާރު ސްޕީޑްތަކާއި އެކު ފަހިވެގެން ދާނެ ފުރުސަތުތައް ދައްކާލުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތްތަނުގައި ވެސް ކުރިމަގުގައި ޑިޖިޓަލް ހިދުމަތްތައް ކުރިއަރުވައި އީޖާދީ ހިދުމަތްތަކެއް ފޯރުކޮށް ދޭނެ ޖީލެއް ބިނާ ކުރުމުގެ އުއްމީދުގައި އަޅުގަނޑުމެންގެ ޕާޓްނަރުންނާ އެކު މިފަދަ ހަފްލާތައް ބޭއްވުމުގެ މަސައްކަތް ކުރިއަށް ދާނެ."
މެނޭޖިންގް ޑިރެކްޓާ އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ނަޖީބް ހާން

އުރީދޫގެ މެނޭޖިންގް ޑިރެކްޓާ އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، ނަޖީބް ހާން ވިދާޅުވިީ، ރޮބޯޓިކްސް އިންޑަސްޓްރީގެ ސަބަބުން ސިއްހީ އިދާރާ، ލޮޖިސްޓިކްސް، އެޑިއުކޭޝަން، އެގްރިކަލްޗަރ އަދި މިނޫންވެސް އެތަކެއް ދައިރާތަކަކަށް އިންގިލާބީ ބަދަލުތަކެއް ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ ކަމަށެބެ. ފުރިހަމަ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމް ކުރުމަށް އުރީދޫން ހުއްޓުމެއް ނެތި މަސައްކަތް ކުރަނީ ކުރި އަރަމުން އަންނަ މިފަދަ އީޖާދީ ހިދުމަތްތައް ރާއްޖޭގެ މުޖުތަމައުތަކައް ފޯރުކޮށްދީ އައު ފުރުސަތުތަކާއި މި ހިދުމަތްތަކުގެ ފުރިހަމަ ފައިދާ ގުޅުވާލަ ދިނުމަށް ކަމަށް އެނާ ވިދާޅުވިއެވެ.

އީކޯ އޯގަނައިޒޭޝަންގެ ފައުޑާ އަދި ޕްރެޒިޑަންޓް، ހިލާލް އަގީލް ވިދާޅުވީ، އެ އޯގަނައިޒޭޝަންގެ ތަސައްވަރާ އެއްފަދައިން، ކުރިއަރަމުން އަންނަ އީޖާދީ ހިދުމަތްތަކާ ދިވެހިން ގުޅުވާލަދީ ދެމެހެއްޓެނިވި ކުރިމަގަކަށް އަބަދު ވެސް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާ އުރީދޫ މޯލްޑިވްސްއާ އެކު މި މަސައްކަތުގައި ހިއްސާވުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައި މި މަސައްކަތުގެ އީޖާދީ އަާ ކަންކަން ކައިރި މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީކޯ އޯގަނައިޒޭޝަން އަކީ އީޖާދީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ކުރިމަގެއް ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ރާއްޖޭގެ ނޮން ޕްރޮފިޓް އޯގަނައިޒޭޝަންއެކެވެ.

ޓެލެޕްރެސެންސް ރޮބޯޓިކްސް ހިދުމަތް މެދުވެރިކޮށް މިހާރު ވެސް އިޖާދީ އުފެއްދުންތަކާ އެކު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ ދަތުރު ވަނީ ފަށާފައެވެ. އުރީދޫ މޯލްޑިވްސުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މިފަދަ ކުރިއަރަމުން އަންނަ އިޖާދީ ހިދުމަތްތަކާއި ޑިޖިޓަލް ދުނިޔެއާއި ގުޅުވާލަދީ އަދި މިފަދަ ހިދުމަތްތަކުގެ ސަބަބުން އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ ކުންފުނިން ބުނެއެވެ.