ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ސަސްޕެންޑް ކޮށްފައި ވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އަނބިކަނބަލުން މެލޭނިއާ ޓްރަމްޕާއެކު އަމިއްލަފުޅު ވެބްސައިޓެއް ލޯންޗް ކުރައްވައިފިއެވެ.

"ފޯޓީފައިވް އޮފިސް ޑޮޓް ކޮމް" ގެ ނަމުގައި ލޯންޗް ކުރެއްވި މި ވެބްސައިޓަކީ ދެމަފިރި ކަނބަލުންގެ ޒާތީ އޮފީސްތައް ހިންގެވުމަށް ބޭނުން ކުރައްވާނެ ވެބްސައިޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ވެބްސައިޓްގައި ޝާއިއު ކުރައްވާފައިވާ ޓްރަމްޕްގެ ވަނަވަރުގައި، ޓްރަމްޕަކީ، އެމެރިކާގެ ސިޔާސީ ޕްލެޓްފޯމަށް އިންގިލާބީ ބަދަލެއް ގެންނެވި ލީޑަރެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. ނަމަވެސް، ޓްރަމްޕާ ދެކޮޅަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން 2 ފަހަރެއްގެ މަތިން ކުރިއަށް ގެންދިޔަ އަޒުލުކުރުމުގެ ވާހަކަތަކެއް މި ވެބްސައިޓްގައެއް ނުވެއެވެ. ނަމަވެސް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން، ޗައިނާއިން ފެތުރިގެން އައި ގޮތާ، ހަލުވި ދުވެލީގައި ދުރާލާ، ޓްރަމްޕް ފިޔަވަޅު އެޅުއްވި ކަމަށް ބަޔާން ކުރައްވާފައި ވެއެވެ.

ޖެނުއަރީ މަހުގެ ކުރީކޮޅު އެމެރިކާގެ ކެޕިޓޮލް ބިލްޑިންގް ސަރަހައްދުގައި ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ޖަރީމާތަކާ ގުޅިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން ޓްރަމްޕް ސަސްޕެންޑް ކޮށްފައި ވާއިރު، ފާއިތުވީ ދުވަސްވަތަކުގައި ޓްރަމްޕްގެ އަޑުފުޅު ވަނީ ވަރަށް މަޑުވެފައެވެ. ނަމަވެސް، ޓްރަމްޕްގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ވަރަށް އަވަހަށް ތައާރަފު ކުރައްވާނެ ކަމަށް ހަބަރު ލިބެއެވެ.