އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން އައްޑޫސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރާގައި އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ އަށެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހު ވަނީ އައްޑޫސިޓީގެ މޭޔާ އަބްދުﷲ ސޯދިގާއި، ފުވައްމުލަކު ސިޓީގެ މޭޔާ އަބްދުﷲ ފަލާހް ޝަރީފްގެ އިތުރުން އެ ދާއިރާތައް ތަމްސީލުކުރައްވާ ބައެއް މަޖްލިސް މެންބަރުންނާ ވެސް ވަކި ވަކިން ރޭ ފޯނުން ގުޅުއްވާ، އެ ދެ ސިިޓީގެ އެންމެ ފަހުގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުންފިލުއްވާ، ވިއްސާރައިގެ ސަބަބުން އެ ދެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތައް ހައްލުކޮށްދިނުމަށް މިހާރު ވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔާ ސޯދިގު ވިދާޅުވީ އިއްޔެ ކުރި ވިއްސާރާގައި އެސިޓީގެ ގިނަ ގެތަކަށާއި ދަނޑުތަކަށް ވަރަށް ބޮޑު ގެއްލުންތައް ވެފައިވާ ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީ ހިތަދޫގެ 16 ގެއަކަށް ގެއްލުން ލިބިފައިވާ އިރު އޭގެ ތެރެއިން ފަސް ގެއަކަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ސޯދިގު ވިދާޅުވިއެވެ. އަދި އެއް ގެއެއް ބެނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައިވާ ކަމަށާއި އެގޭގައި ދިރިއުޅޭ މީހުން މިވަގުތު ތިބީ ވަގުތީ ބޯހިޔާވަހިކަމެއްގައި ކަމަށް ސޯދިގު ވިދާޅުވިއެވެ.

އިއްޔެ ކުރި ވިއްސާރާގައި ގެއެއްގެ ފުރާޅު އެއްލާލައިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެނީ / ފޮޓޯ: ފުވައްމުކަލު ކައުންސިލް

ސޯދިގު ވިދާޅުވީ ރައީސް ސޯލިހު ގުޅުއްވާ ރައްޔިތުންގެ ހާލު ބައްލަވާލައްވާފައިވާ ކަމަށާއި އަދި ރައްޔިތުންނަށް އެހީ ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީގެ މޭޔާ ފަލާހު ވިދާޅުވީ އިއްޔެ ކުރި ވިއްސާރާގައި އެ ސިޓީއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ފުވައްމުލަކަށް އިއްޔެ ކުރި ވިއްސާރާގައި ގޭގެގައި ފެންބޮޑުވެފައި / ފޮޓޯ: ފުވައްމުކަލު ކައުންސިލް

އެގޮތުން ފުވައްމުލަކަށް ކުރި ވިއްސާރައިގައި 98 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ ފުވައްމުލަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މުދަލަށާއި ތަކެއްޗަށް ގެއްލުން ލިބުނު ފަރާތްތަކަށް ވީހާވެސް އަަވަހަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސްގެ އަރިހުން އެދިވަޑަގެންނެވި ކަމަށެވެ.

ފުވައްމުލަކަށް އިއްޔެ ކުރި ވިއްސާރާގައި ގޭގެގައި ފެންބޮޑުވެފައި / ފޮޓޯ: ފުވައްމުކަލު ކައުންސިލް

އެގޮތުން ރައީސް ވަނީ ލިބުނު ގެއްލުންތަކަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވިިދާޅުވެފައި ކަމަށް ފަލާހް ވިދާޅުވިއެވެ.

އޭގެ އިތުރުން އެސިޓީއަށް ވިއްސާރައިގައި ދިމާވާ ފެންބޮޑުވުން ހައްލުކުރުމަށްޓަކައި މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން ހައްލު ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ފެންބޮޑުވުމުން ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ފަލާހް ވަނީ ވިދާޅުވެފައެވެ.