ވަކިން ހާއްސަކޮށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން އުފެދިފައިވަ ދަރަނީގެ މައްސަލަތައް، ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް، މިހާރުން މިހާރަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވައިފިއެވެ.
ދުނިޔެ މިވަގުތު އޮތީ ދަރަނިވެރިކަމުގެ ކާރިސާއެއްގެ ތުންފަތް މަތީގައި ކަން ފާހަގަ ކުރައްވަމުން ގުޓެރޭޒް ވަނީ، ކުރިއަރަމުން އަންނަ އިގުތިސޯދުތައް އޮތީ މާލީ ކާރިސާއެއްގެ ނުރައްކަލުގެ ތެރޭގައި ކަން އިންޒާރު ކުރައްވާފައެވެ. އަދި ފަގީރު ގައުމުތަކަށް މި ނުރައްކާ ވަކިން ބޮޑު ކަންވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމަށް އިޖާބަދީ، ގައުމު އާރާސްތު ކުރުމުގައި އިންވެސްޓް ކުރުމަށް، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް މާލީ އެހީ ބޭނުން ވާ ކަން ފާހަގަ ކުރައްވަމުން ގުޓެރޭޒް ވަނީ، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.
މި މޭރުމުން ގުޓެރޭޒް ވަނީ، ދަރަނި ދައްކާ ހަލާސް ކުރާ މުހުލަތަށް މައާފު ދީފައި އޮތް އޮތުން، 2022 ގެ ނިޔަލަށް ދަންމާލުމަށްވެސް ގޮވާލައްވާފައެވެ.