ޗައިނާގެ އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގަމުން އަންނަ ހޮންގްކޮންގް ސިޓީގެ މައްޗަށް ޗައިނާގެ ނުފޫޒު އިންތިހާއަށް ހިންގޭ ގޮތަށް ފަރުމާ ކޮށްފައި ވާ އިންތިހާބީ ގަވައިދު، ޗައިނާއިން ފާސްކޮށްފިއެވެ.

އިސްލާހީ ބަދަލެއްގެ ގޮތުގައި ހޮންގްކޮންގްގެ އިންތިހާބީ ގަވައިދުތަކަށް ގެނައި ބަދަލާއެކު، ހޮންގްކޮންގްއިން މަގާމުތަކަށް ވާދަ ކުރެވޭނީ، "ގައުމިއްޔަތު" ވަރުގަދަ ޝަހްސުތަކަށް ކަމުގައި ކަނޑައަޅައެވެ.

މި ބަދަލާއެކު، ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާއިރު، ޗައިނާގެ މައި ސަރުކާރަށް ވަފާތެރި ވާ މިންވަރު ވަޒަން ކުރުމަށް ހާއްސަ ވެޓިންގް ޕްރޮސެސްއެއް ކުރިއަށް ދާނެ ކަމަށް ހަބަރު ލިބެއެވެ.

ފާޑުކިއާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ހޮންގްކޮންގަށް ޑިމޮކްރަސީގެ ނިމުމެވެ. އެހެނީ، މި ބަދަލާއެކު، ގާނޫނު ހަދާ މަޖިލީހުން، އިދިކޮޅު ހުރިހާ މެންބަރުން ބޭރުވާނެތީއެވެ.

އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތުމަށްފަހު، ހާއްސަ އެއްބަސްވުމެއްގެ ދަށުން ޗައިނާއާ ހޮންގްކޮންގް ހަވާލު ކޮށްފައި ވަނީ 1997 ވަނަ އަހަރުއެވެ. މި އެއްބަސްވުމަކީ 2047ގެ ނިޔަލަށް ހޮންގްކޮންގަށް މިނިވަން ކަން ކަށަވަރު ކޮށްދޭ އެއްބަސްވުމަކަށް ވާއިރު، ޗައިނާއިން މި ފަހަކަށް އައިސް، އިސްލާހުގެ ނަމުގައި ގެންނަ ބަދަލުތަކަކީ، މި އެއްބަސްވުމާ ތައާރުޒު ވާ ބަދަލުތަކެއް ކަމަށް ބަހުސް ކުރެވެއެވެ.