ޒަމާންވީ އަދުއްވުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނާ ދެމެދު މި ފަހަކަށް އައިސް ގުޅުން ބަދަހި ވުމުގެ ހަރަކާތްތަކެއް ފެންނަމުން ދާއިރު، އެއީ "އުފާ ކުރާ" ކަމެއް ކަމަށް، އިންޑިއާގެ ހަތުރު އަދި ޕާކިސްތާނުގެ ބައިވެރިޔާގެ ގޮތުގައި އޮތް ޗައިނާއިން ބުނެފިއެވެ.

މި މޭރުމުން ޗައިނާއިން ވަނީ، ސަރަހައްދީ ސުލްހައާ، ހަމަޖެހުމާ ތަރައްގީއަށް ހިތްވަރު ދިނުމުގެ ގޮތުން ޕާކިސްތާނާއެކު މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއްވެސް ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ޝާއޯ ލީކިއާން ވަނީ ކުރައްވާފައެވެ.

ޝާއޯ އިތުރަށް ވިދާޅުވީ، އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދޭ، "ހުރިހާ މޫސުމަކަށް ފެތޭ" އިސްތިރާޖީ ބަދަހި ގުޅުމެއްގެ އަގު، ޗައިނާއިން ވަޒަން ކުރާނެ ކަމަށެވެ.

ޕާކިސްތާނާއެކު ބަދަހި ގުޅުމެއް ބޭއްވުމުގެ ރޫހެއް އިންޑިއާގައި އެބަ އޮތް ކަމަށާ، ނަމަވެސް އެކަން ވާން އަންނަނީ، ދެކޮޅުވެރިކަމާއި ޓެރަރިޒަމްއިން އެއްކިބާވެފައިވާ، އިތުބާރު އޮތް ވެއްޓެއް ގާއިމު ކުރެވިގެން ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ ވިދާޅުވެފައެވެ.

މި ފަހަކަށް އައިސް، އިންޑިއާއާއި ޕާކިސްތާނާ ދެމެދު އެދެވޭ ރޫހެއްގައި މުއާމަލާތު ކުރަމުން ދާ ކަމުގެ އިޝާރާތްތަކެއް ވަނީ ފެންނަން ފަށާފައެވެ. އެގޮތުން މިދިޔަ މަހު، އިންޑިއާއާއި ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ 2003 ވަނަ އަހަރު އެކުލަވާލި ލައިން އޮފް ކޮންޓްރޯލްގައި ހަމަލާ ބަދަލު ކުރުން މަނާ ކުރާ އެއްބަސްވުން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް އެއްބަސްވުމަކަށް އައިސްފައެވެ.