100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ދެއްވަދޫ އަށް މިއަދު ތައާރަފު ކޮށްފިއެވެ.

އުރީދޫން ބުނީ ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕާނެޓްގެ ހިދުމަތް ދެއްވަދޫ އިން ގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސަންސްވެސް ލިބޭނެ ކަމަށެވެ.

އެ ހިދުމަތާ ގުޅިގެން އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެންމެ މުހިންމު ކަމެއް ކަމުގައި ދެކިގެން އުރީދޫން ކުރާ މަސައްކަތެއް ކަމަށެވެ.

އެގޮތުން އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕާނެޓްގެ ހިދުމަތް މިއަދު ދެއްވަދޫއަށް ތައާރަފު ކޮށްފައި ވާއިރު ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ހިދުމަތް މެދުވެރިކޮށް ހޯދޭ ގިނަ ފައިދާތަކާއި ދެއްވަދޫގެ ރައްޔިތުން ގުޅުވާދެވުމަކީ، އުރީދޫއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ނިޔާޒް ވަނީ ދިވެހި ރައްޔިތުންނަށް އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އުރީދޫން ކުރަމުންދާ މަސައްކަތްތަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕާނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ.

އެ ބަދަލުގެ ދަށުން ސުޕާނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

މިގޮތުން ދެއްވަދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.