ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ފަސް މަޝްރޫއެއް ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.
އެ މަޝްރޫތައް ހަވާލު ކުރުމަށް މިއަދު ޕްލޭނިންގް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.
މިއަދު އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ މ. މުލަށް، ވ. ރަކީދޫ، ރ.ފައިނު، ބ. ތުޅާދޫގެ އިތުރުން ރ. ރަސްމާދޫއެވެ.
- މ. މުލަށް
މި މަޝްރޫއަކީ 17.66 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 411.90 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނޭއިރު އެ މަސައްކަތަކީ 105 ދުވަހުގެތެރޭ ނިންމަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.
- ވ. ރަކީދޫ
މި މަޝްރޫއަކީ 9.16 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 40 މީޓަރުގެ ގްރޮއިންސް ޖެހުން ހިމެނޭއިރު އެއީ 105 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. ރަކީދޫގައި މިވަގުތު ކުރިއަށްދާ މި މަޝްރޫއުގެ އީއައިއޭގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ މަހުގެ ނިޔަލަށެވެ.
- ރ. ފައިނު
މި މަޝްރޫއަކީ 8.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 250 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނޭއިރު މިއީ 180 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
- ބ. ތުޅާދޫ
މި މަޝްރޫއަކީ 10.13 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.. މި މަޝްރޫއުގެ ދަށުން، 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނޭއިރު މިއީ 150 ދުވަސްތެރޭ ނިންމަން ހަމަޖެހިފައި މަޝްރޫއެކެވެ.
- ރ. ރަސްމާދޫ
މި މަޝްރޫއަކީ 11.68 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 336 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 180 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
އެ މަޝްރޫއުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށްތައް ހިމެނޭ ދާއިރާތަަކުގެ މަޖިލިސް މެންބަރުން ބައިވެރިވިއެވެ.